ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ސަރުކާރުން އިސްވެ ހުރަސްއަޅާފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅިގެން ނަޝީދު މިއަދު ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ ޒަމާންތަކެއް ވަންދެން ސަރުކާރާއި ވެރިކަމުގެ ބާރު ބޭނުންކޮށްގެން ދިވެހި ރައްޔިތުންނަށް އެތައް އަނިޔާތަކެއް ދީފައިވާ ކަމަށާއި ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގުމަށް ސަރުކާރުން އިސްވެ ހުރަސްއަޅާފައިވާ ކަމަށެވެ.

"ޖަލުގައި ދެވޭ އަނިޔާއަށް ވުރެ ބޮޑަށް ފުލުހުންގެ ތެރެއިން ބަޔަކާއި ސަރުކާރުގެ ބައެއް އިސްވެރިންނަށް އެނގިގެން މާލޭގައި އިންތިޒާމުވެގެން މީހުން ރަހީނުކުރުމާއި މީހުން މެރުމާއި މުދަލުގައި ހުޅުޖެހުމާއި ތޫނު ހަތިޔާރުން ހަމަލާދީ ހިންގާ މާރާމާރީތަކާއި ކުށްކުރާ ފަރާތްތަކާއި ގުޅިގެން ހިންގާ އަމަލުތަކުން ރައްޔިތުންނަށް ލިބޭ ގެއްލުން ނުހަނުބޮޑެވެ،" ނަޝީދުގެ ބަޔާނުގައިވެ އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ފާއިތުވީ އަހަރުގެ ތެރޭގައި ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ދިވެހިރާއްޖޭގައި އެތައް ގުނައަކުން ދަށްވެގެންގޮސްފައިވާ ކަމަށެވެ. އެގޮތުން ނޫސްވެރިންނަށް ބިރުދެއްކުމާއި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ޒުވާނުންނަށް އެކި ގޮތްގޮތުން ބިރުދެއްކުމަކީ އާންމުކަމެއް ކަމަށް ނަޝީދު ތުހުމަތު ކުރެެއްވި އެވެ.

އޭގެ އިތުރުން މިއަހަރުގެ ތެރޭގައި ހިނގާފައިވާ އެކި މާރާމާރީތައް ސަރުކާރުން ތަހުގީގުކުރުމެއް ނެތި ބޮޑެތި ކުށްވެރިން ރަށުގެ ތެރޭގައި ދޫވެފައިވާކަން ފާހަގަކުރައްވާފައިވެ އެވެ. އަދި އެކަންކަން ތަހުގީގުނުކުރެވި ބޮޑެތި ކުށްވެރިން މުޖުތަމައުގައި ދޫވެފައިވުމަކީ "ސަރުކާރުން ގަސްތުގައި ހިންގާ ސްޓޭޓް ސްޕޮންސާޑް ޓެރަރިޒަމް"އެއް ކަމަށް ނަޝީދު ފާހަގަކުރައްވަ އެވެ.

އޭގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް އަންނަނީ ލިބެމުން ކަމަށާއި އޭގެ ސަބަބުން ރައްޔިތުންގެ ހައްގުތައް ގެއްލުމުން "އިންސާފު ހޯދުމަށް އެކެއް އަނެކެއްގެ ކިބައިން ހިތްވަރު ހޯދައި ލާއިންސާނީ އަނިޔާއާ ދެކޮޅަށް ތެދުވުމަށް" މިއަދު ގޮވާލާކަމަށް ނަޝީދު ވިދާޅުވި އެވެ.