10 Dec 2014, 16:21
މެލޭޝިއާގެ ފުޓްބޯޅަ ކްލަބެއް ކަމަށްވާ ޕޮލިސް ޑި ރާޖާ މެލޭޝިއާ (ޕީޑީއާރްއެމް) ގެ 2015 ގެ ސްކޮޑު ރާއްޖޭގެ އަލީ އަޝްފާގް (ދަގަނޑޭ) އާއެކު އިއުލާނުކޮށްފިއެވެ.
ޕީޑީއާރްއެމްގެ 2015 ގެ ސްކޮޑު ދަގަނޑޭއާއެކު އިއުލާނުކޮށްފައި ވަނީ އެ ޓީމާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތަށް ދެ އަހަރު ދުވަސް އިތުރުކުރަން ދަގަނޑޭ އެ ޓީމާއެކު އެއްބަސްވެފައި ވަނިކޮށެވެ. މި ހަފްތާތެރޭ އިއުލާނުކުރި އެ ޓީމްގެ ސްކޮޑުގައި ގިނައިން ހިމެނެނީ މިއަހަރުތެރޭ އެ ޓީމަށް ކުޅެދިން ކުޅުންތެރިންނެވެ. އަޝްފާގާއެކު އެ ޓީމްގައި އިތުރު ތިން ބިދޭސީ ކުޅުންތެރިއަކު ހިމެނެއެވެ.
މި އަހަރުތެރޭ މެލޭޝިއާގެ ދެވަނަ ޑިވިޝަންގެ ޗެންޕިއަންކަން ހޯދި ޕީޑީއާރްއެމްގެ ކާމިޔާބީތަކުގައި ދަގަނޑޭ ވަނީ މުހިންމު ރޯލެއް އަދާކޮށްފައެވެ. މި އަހަރު މެލޭޝިއާގެ ފުޓްބޯޅަ ސީސަންގައި ދަގަނޑޭ ވަނީ ޕީޑީއާރްއެމް އަށް މުޅިއަކު 26 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އޭނާގެ ކުޅުމުގެ ފެންވަރާ ބެހޭގޮތުން ޕީޑީއާރްއެމްގެ ކޯޗްވެސް މެލޭޝިއާގެ މީޑިއާތަކުގައި ވާހަކަ ދައްކާފައި ވާއިރު، މެލެޝިއާގެ އެފްއޭ ކަޕްގެ ކުއާޓާ ފައިނަލާއި މެލޭޝިއާ ކަޕްގެ ސެމީ ފައިނަލަށް ޕީޑީއާރްއެމް ގެންގޮސްދިނުމުގައި ދަގަނޑޭ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
މެލޭޝިއާގެ ގިނަ ކްލަބްތަކަކުން ދަގަނޑޭއާމެދު ޝައުގުވެރިކަން ފާޅުކޮށްފައި ވާކަމަށް އެ ގައުމުގެ މީޑިއާތަކުން ވަނީ ބުނެފައެވެ. ނަމަވެސް ޕީޑީއާރްއެމް އާއެކު ވެފައިވާ އެއްބަސްވުން އާކޮށް އެ ޓީމްގައި މަޑުކުރަން އޭނާ ނިންމީ އެއީ އޭނާއަށާއި އޭނާގެ ފުޓްބޯޅަ ކެރިއަރަށް ހުރި އެންމެ ރަނގަޅު ގޮތްކަމަށް އޭނާއަށް ވިސްނޭތީކަމަށް ދަގަނޑޭ ބުނެފައި ވެއެވެ.
ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަންކަންވެސް އަދާކުރަމުން އަންނަ ދަގަނޑޭ ވަނީ މި އަހަރުތެރޭ މެލޭޝިއާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ދެމުން އަންނަ މެލޭޝިއާގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމު ހާސިލްކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ މިއަހަރުގެ ޒުވާނުންގެ ގައުމީ އިނާމު ދިނުމުގެ ޖަލްސާގައި ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް ރީތި ނަމެއް ހޯދަދިނުމުން ޔޫތު މިނިސްޓަރު ދެއްވާ ޚާއްސަ އިނާމުވެސް ހާސިލްކޮށްފައެވެ.