ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް ތިރިކުރުމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ހުށަހެޅުއްވި ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި އެ ބިލް ފާސްކުރަން ފެންނަ ކަމަށް ވޯޓުގައި ބައިވެރިވި 46 ވޯޓު ދެއްވާފައިވާއިރު ނުފެންނަ ކަމަށް 19 މެމްބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.

ކޯޓުތަކުގެ ގާނޫނަށް ޝަރީފް ހުށަހެޅުއްވި އެ އިސްލާހުގައިވާ ގޮތުން ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ހަތް ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް ތިރި ކުރުމަށް ޓަކައި މަގާމުން ވަކިކުރާނެ ދެ ފަނޑިޔާރެއްގެ ނަންފުޅު ޖުޑީޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އެ ބިލް ތަސްދީގުކުރާތާ ތިން ދުވަހުގެ ތެރޭގައި ޖުޑީޝަލް ސާވިސް ކޮމިޝަނުން އެ ދެ ފަނޑިޔާރުންގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށާއި އެ ހުށަހެޅުން ހުށަހަޅާތާ ހަތް ދުވަހުގެ ތެރޭގައި މަޖިލީހުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ވެސް އެ ބިލްގައިވެ އެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އެ ބިލް ތަސްދީގުކުރާތާ 90 ދުވަހުގެ ތެރޭގައި ހައި ކޯޓުގެ ދެ ގޮފި ރާއްޖޭގެ އުތުރާއި ދެކުނުގައި އުފައްދަން ޖެހޭނެ ކަމަށް ވެސް ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނުމުގެ ބިލްގައިވެ އެވެ.
އެބިލްގައިވާ ގޮތުން މިހާރު ހައި ކޯޓުގައި ތިއްބެވި ނުވަ ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރަކު އެއިން ކޮންމެ ގޮތްޕަކަށް ކަނޑައަޅަން ޖެހެ އެވެ.

ހައިކޯޓުގެ ގޮފިތައް ގާއިމުކުރާނެ ރަށްތައް ކަނޑައަޅައި އެ ގޮފިތަކަށް ފަނޑިޔާރުން ހަމަޖައްސާނީ ސުޕްރީމް ކޯޓުން ކަމަށާއި އުތުރާއި ދެކުނުގައި ގާއިމުކުރާ ހައި ކޯޓުގެ ދެ ގޮފިން ބަލާނީ އެ ސަރަހައްދެއްގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތައް އެކަނި ކަމަށް ވެސް އެ ބިލްގައި ވެއެވެ.