ބަޖެޓް ކޮމެޓީން ނިންމި ގޮތަށް އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 24.3 ބިލިއަން ރުފިޔާގެ ބަޖެޓް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި 60 މެމްބަރުން ވަނީ ބަޖެޓު ފާސްކުރަން ވޯޓު ދެއްވައުފަ އެވެ. ނަވާރަ މެމްބަރަކު ވަނީ ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވައިފަ އެވެ. ބަޖެޓަށް ވޯޓަށް އެހުމުގެ ކުރީގައި ރިއާސަތުން ވަނީ ބަޖެޓު ރިކަމަންޑޭޝަން އަށް ހުށަހަޅާފައިވާ 18 އިސްލާހަކަށް ވޯޓަށް އައްސަވައިފަ އެވެ. އެހެންނަމަވެސް ބަޖެޓް ފާސްވެގެން ދިޔަ އިރު ބަޖެޓް ރިކަމަންޑޭޝަން ގޮތުގައި ހުށަހެޅި އެއްވެސް އިސްލާހެއް ފާސްވެފައެއް ނުވެ އެވެ.

އަންނަ އަހަރުގެ ބަޖެޓު ފާސްކުރަން 60 މެމްބަރުން ވޯޓުދެއްވާފައިވާ އިރު އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވެސް ބަޖެޓަށް ވޯޓުދެއްވާފައި އެވެ. އެމްޑީޕީން ބުނެފައި ވަނީ ބަޖެޓަށް އެޕާޓީން ވޯޓު ނުދޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގެ 65 ޕަސެންޓް ހަރަދުވާނީ ރިކަރަންޓް ހަރަދަށް ކަމަށެވެ. އެއީ 15.8 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރުގެ ބަޖެޓުގެ 26 ޕަސެންޓް ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި ސޯޝަލް ސެކިއުރިޓީ އާއި ވެލްފެއާ އަށް ބަޖެޓުގެ 13 ޕަސެންޓް ހަރަދުވާނެ ކަމަށް ވެސް އަންދާޒާކޮށްފައިވެ އެވެ. ދައުލަތުގެ އޮފީސްތައް ހިންގުމަށް އަންނަ އަހަރުގެ ބަޖެޓުން އަށް ޕަސެންޓް ހަރަދުވާނެ ކަމަށް ފިނޭންސް މިނިސްޓްރީ ލަފާކޮށްފައިވެ އެވެ.

ޕީޕީއެމްގެ ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ދެ ވަނަ ބަޖެޓުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 21.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. ޖިހާދު ވިދާޅުވި ގޮތުގައި އަންނަ އަހަރު ޓެކްސްގެ ގޮތުގައި 13 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށާއި ޓެކްސް ނޫން ގޮތުގައި 6.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެވެ އެވެ. ހިލޭ އެހީގެ ގޮތުގައި ލިބޭނީ 1.7 ބިލިއަން ރުފިޔާ ކަމަށް ޖިހާދު ވިދާޅުވި އެވެ.

އާމްދަނީ އިތުރު ކުރުމަށް ސަރުކާރުން މިއަދު ވަނީ މަޖިލީހަށް ފަސް ކަމެއް ހުށަހަޅާފަ އެވެ. އެއީ އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން އިންޕޯޓް ޑިއުޓީގެ ބައެއް ރޭޓުތައް ރިވައިސް ކުރުމާއި ގްރީން ޓެކްސްގެ ނަމުގައި އާ ޓެކްސްއެއް ނަގަން ފެށުމާއި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)އަށް އަންނަ އިންވެސްޓްމަންޓުތަކުން ފީއެއް ނެގުމާއި ބިންވެރި ކުރުމުގެ ޕްރޮގްރާމް ހިންގައިގެން އާމްދަނީ ހޯދުމާއި ޓޫރިސްޓު ރިސޯޓުތައް ހިންގުމަށް 10 ރަށެއް ކުއްޔަށް ދިނުމެވެ.

ޕީއެސްއައިޕީގެ ޕްރޮގްރާމްތަކުގެ ދަށުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއެންއައިއޭ) ތަރައްގީ ކުރުމާއި މާލެ/ހުޅުލެ ބްރިޖްގެ މަޝްރޫއު އާއި އައިޖީއެމްއެޗް މަރާމާތު ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ. އަދި 66 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމް ކުރުމާއި 22 ރަށެއް ރަށް ގިރުން ހައްލުކޮށް، 105 ރަށެއްގައި ކުނި މެނޭޖު ކުރުމަށާއި އިޔާދަ ކުރަނިވި ހަކަތައިގެ މަސައްކަތް އަންނަ އަހަރު ފަށައިގަތުމަށް މިއަދު މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ހިމަނާފައިވެ އެވެ. އަދި އަލަށް ފަށާ 23 ބަނދަރާއި މިހާރު ކުރިއަށް ގެންދާ 38 ބަނދަރުގެ މަސައްކަތް ކުރުމަށާއި ހުޅުމާލެ އާއި ދެކުނު 1985 ހައުސިން ޔުނިޓާއި ހދ. އަތޮޅުގައި 600 ހައުސިން ޔުނިޓް އެޅުމަށް ބަޖެޓުގައި ހިމަނާފައިވެ އެވެ.