އަންނަ މަހު ސްރީލަންކާގައި އޮންނަ ރިޔާސީ އިންތިހާބުގެ ރޭހުގައި ރައީސް ރާޖަޕަކްސާއާ ވާދަކުރެެއްވުމަށް ކުރީގެ ހެލްތު މިނިސްޓަރު މައިތިރި ޕާލާ ސިރިސޭނާ ކޮމަން އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނެވުމަކީ ހަގީގީ ވާދަވެރި އިންތިހާބަކަށް މަގުފަހިވި ކަމެއް ކަމަށާއި ނަމަވެސް އެއާ އެކު އިންތިހާބު ހޫނުވެ ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު އިންނޭޝަނަލް ކްރައިސިސް ގްރޫޕް (އައިސީޖީ) އިން ބުނެފި އެވެ.

ބްރަސްލްގައި ހަރަކާތްތެރިވާ ގްރޫޕް، އަދި އޮސްޓްރޭލިއާގެ ކުރީގެ ފޮރިން މިނިސްޓަރު ގާރެތު އިންވެންސް ރައީސް ކަން ކުރައްވާ އައިސީޖީއާ ހަވާލާދީ ކޮލަމްބޯ މިރާ އިން އިއްޔެ ބުނީ އޭޝިޔާގައި އެންމެ ދިގު މުއްދަތެއް ވަންދެން މިހާރު ވެރިކަން ކުރައްވާ، ރައީސް ރާޖަޕަކްސާ އަންނަ މަހު 8 ވަނަ ދުވަހު އޮންނަ އިންތިހާބުން ބަލިވެވަޑައިގެންފި ނަމަ "ސަހަލު ގޮތަކަށް" ކަންކަން ނުދާނެ ކަމަށެވެ.

ސްރީލަންކާގެ މަސްރަހާ ބެހޭ ގޮތުން އައިސީޖީ އިން ދާދަދިފަހުން ނެރުނު ރިޕޯޓެއްގައި ބުނީ ރައީސް ރާޖަޕަކްސާ ތިން ވަނަ ދައުރަކަށް އިންތިހާބު ވިޔަ ނުދެއްވުމަށް އޭނާގެ ކުރީގެ ހެލްތު މިނިސްޓަރު ސިރިސޭނާ އޭނާއާ ދެކޮޅަށް ނުކުންނެވުމަކީ ރާޖަޕަކްސާ އަށް ކުރިން ހީޔަކާ ގާތަށް ވެސް ގަބޫލުކުރެވިފައި އޮތް ކަމެއް ނޫން ކަމަށެވެ.

"ކުއްްލިއަކަށް ފައިދާވި ބޮޑު އިދިކޮޅު ޕާޓީގެ ކެންޑިޑޭޓް ވެގެން ދިޔާއީ އެހެން މީހުންނެކޭ އެއްގޮތަށް ހުދު ރާޖަޕަކްސާ އަށް ވެސް ލިބުނު ކުއްލި ހައިރާން ކަމަށް" އައިސީޖީ އިން ބުންޏެވެ. "ސިރިސޭނާ އިންތިހާބު ކާމިޔާބުކުރައްވައިފި ނަމަ ރައީސް ރާޖަޕަކްސާ އާއި އޭނާގެ ބޭބެތައް ބާރުގައި ތިބެވޭނެ އެހެން ގޮތްތަކެެއް ހޯދާނެ، އޭގެ ތެރޭގައި ސުޕްރީމް ކޯޓުން' އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރުން ފަދަ ނޫނީ އެންމެ ފަހުގެ ހަތިޔާރެއްގެ ގޮތުގައި މިލިޓަރީގެ ބޭނުން ކުރުން ހިމެނިދާނެ،" އެ ރިޕޯޓްގައިވެ އެވެ.

އައިސީޖީ އަކީ ވަކިފަރާތަކަށް ޖެހިފައިވާ ފަރާތެއް ކަމަށް ސިފަ ކުރާ، ސްރީލަންކާ ސަރުކާރުން އެ ޖަމާއަތުގެ މި ފަހަރުގެ ރިޕޯޓާ ބެހޭ ގޮތުން އަދި އެއްޗެއް ނުބުނެ އެވެ.

އައިސީޖީގެ އިތުރަށް އެމްނެސްޓީ އިންޓަނޭޝަނަލް އާއި ހިއުމަން ރައިޓްސް ވޮޗަކީ ރާޖަޕަކްސާގެ އިންސާނީ ހައްގުތަކާ ބެހޭ ގޮތުން ފާޅުގައި ފާޑުކިޔާ ފަރާތްތަކެވެ.

އައިސީޖީގެ ރިޕޯޓްގައި ބުނީ ވަރުގަދަ އިދިކޮޅު ކެންޑިޑޭޓެއް ނުކުތުމަކީ ރަނގަޅު ފާލެއް ކަމަށާއި ނަމަވެސް އިލެކްޝަނާ ގުޅޭ ގޮތުން ހަމަނުޖެހުންތައް އިތުރުވެދާނެތީ ރައްކާވެ ތިބުމަށް އިލްތިމާސް ކުރާ ކަމަށެވެ.