މިއަހަރުގެ ތެރޭގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުން 1400 އަށް ވުރެއް ގިނަ ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދެވިފައިވާ ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

މިއަދަކީ ރާއްޖޭގެ 34 ވަނަ މަސްވެރިންގެ ދުވަސް ކަމުގައިވުމާއެކު، ދުވަހުގެ މުނާސަބަތުގައި ދެއްކި ޚިތޯބެއްގައި މިނިސްޓަރު ޝައިނީ ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ ހާލަތު ރަނގަޅުކުރުމަށް އެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ސަރުކާރާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"ޒުވާނުން މަސްވެރިކަމުގައި ބައިވެރިކުރުވުމަށް މަސްވެރިންނާއި އޮޑިވެރިން އިތުރުކުރުމަށާއި މަސްދޯނިފަހަރު ބަނުމުގައި ކުރަންޖެހޭ ހަރަދު ކުޑަކުރުމަށް އެހީވުމުގެ ގޮތުން 8.7 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމުގެ ޕްރޮގުރާމެއްވަނީ ފަށާފައި،" ޑރ. ޝައިނީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ބެހެއްޓުމަށާއި މަހަށް ހަމަ އަގު ހޯދައިދިނުމަށްޓަކައި 13 އައިސްޕްލާންޓެއް ސަރުކާރުން ގާއިމްކޮށްފައިވާ ކަމަށެވެ. އަދި އަތޮޅުތެރޭގެ ހަތް ސަރަހައްދެއްގައި އިތުރު އައިސްޕްލާންޓްތައް ބެހެއްޓުމަށް ލޯނު ދޫކުރުމުގެ މަޝްރޫއުއެއް ފަށާފައިވާ ކަމަށް ވެސް މިނިސްޓަރުގެ ޚިތޯބުގައި ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ފެށިގެން 100 މޭލު ބޭރުގައިވާ ސަރަހައްދުގައާއި 200 މޭލު ބޭރުގައި ބޭރުކަނޑުގައި މަސްވެރިކަން ކުރުމުގެ ފުރުސަތު ހުޅުވާލައިފަވާކަން ކަމަށާއި މިއީ ރާއްޖޭގެ ތާރީޚުގައި އެފަދަ ފުރުސަތެއް ދެވުނު ފުރަތަމަ ފަހަރު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ މަސްވެރިކަން ހަމައެކަނި ކަޅުބިލަމަހަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކުރުމަށްޓަކައި މެރިކަލްޗާ ސިނާއަތެއް ގާއިމްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޑރ. ޝައިނީ ވިދާޅުވީ ރާއްޖޭގެ މަސްވެރިކަން މިހާރު އޮތް ހަރުފަތުން އުސް ހަރުފަތަކަށް ގެންދެވޭނީ މަހާއި މަހުން އުފައްދާ ބާވަތްތައް އިތުރުކޮށްގެން ކަމަށެވެ. އަދި ކަނޑުމަހުގެ މަސްވެރިކަމަށް ބަރޯސާވެފައިވާ މިންވަރު ހިފަހައްޓައި މޫދުގެ ދިރުން އާލާކުރުމަށް އިސްކަންދޭ ފަރާތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.