ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރު ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީ އިން އިއުލާންކޮށްފި އެވެ.

މިދިޔަ އާދީއްތަ ދުވަހު ފިނޭންސް މިނިސްޓްރީން ގެޒެޓްގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، ހެލްތު މިނިސްޓްރީގެ އެދުމުގެ މަތިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ލެވެލްގެ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ޓަކައި އެ ހޮސްޕިޓަލަށް އިތުރު ކުރުމަށް ހަމަޖެހިފައިވާ އޮޕަރޭޝަން ތިއޭޓަރު އެކްސްޓެންޝަންގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އަދި އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އެކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތަކަށް ވަނީ ހުޅުވާލާފައިވާ ކަމަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރު ބޮޑުކުރުމުގެ ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20000 ރުފިޔާ ހުށަހަޅަންޖެހެ އެވެ. އަދި ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ފަސް ޕަސެންޓް ހުށަހަޅަންޖެހޭ އިރު، އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 15 ޕަސެންޓް އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހަޅަން ޖެހެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ބީލަމުގައި ބައިވެރިވުމުގެ ރަޖިސްޓްރޭޝަން ފީއަކީ 500 ރުފިޔާ ކަމަށާއި ބީލަން ފޮތްތަކަށް ފައިސާ ބަލައިގަތުން މިއަދުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

މީގެ އިތުރުން، އެ ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން މިމަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިރު، ބިޑް ހުޅުވުން އޮންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހު ކަމަށް އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވެ އެވެ.