10 Dec 2014, 15:02
އޮންލައިންކޮށް ޓެކްސީތައް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި ގާއިމް ކުރަމުން ގެންދާ ސޮޕްޓްވެއާގެ މަސައްކަތް ނިމޭއިރު ޓެކްސީތަކުގެ މަތީގައި ހުންނަ ޓެކްސީ ބޯޑުގެ ކުލަ އޮޓަމެޓިކުން ބަދަލުވެގެންދާނެ ނިޒާމެއް ގާއިމުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.
އެ އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު މިއަދު "ސަން" އަށް ވިދާޅުވީ ޓެކްސީތައް އޮންލައިންކޮށް ހޯދޭނެ ނިޒާމެއް ގާއިމްކޮށްދޭނެ ފަރާތެއް ހޯދަން އެ އޮތޯރިޓީން ކުރި އިޢުލާނަކާ ގުޅިގެން އެކަމަށް ތިން ފަރާތަކުން ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ. އަދި އޭގެ ތެރެއިން ދެ ފަރާތަކަށް އެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށާއި މިއަަހަރު ނިމުގެ ކުރިން އެ ސޮޕްްޓްވެއާ ގާއިމުކޮށް ނިމޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނާފިޒު ވިދާޅުވީ މި ހިދުމަތަކީ އަަވަށްޓެރި ގައުމުތަކުގައި ވެސް ވަރަށް ކާމިޔާބު ކަމާ އެކު ބޭނުންކުރަމުން ގެންދާ ނިޒާމެއް ކަމަށާއި އެ ސޮޕްޓްވެއާގެ ސަބަބުން ކަސްޓަމަރުންނާއި ޓެކްސީ ސެންޓަރުތަކުގެ އިތުރުން ޓްރާންސްޕޯޓް އޮތޯރިޓީއާ ވެސް ގުޅުވާލަދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ސޮފްޓް ވެއާގެ ސަބަބުން އެމީހަކު ހުރި ތަނަކާއި އެންމެ ކައިރީގައި ހުސްކޮށް ހުރި ޓެކްސީތައް ދައްކުވައިދޭނެ، އަދި އޮންލައިންކޮށް ޓެކްސީ ހޯދަން ރިކުއެސްޓް ކުރީމާ އެ ޑްރައިވަރަކު އެމީހަކަށް އޮންލައިންކޮށް ރެސްޕޮންޑް ކުރުމުން އަމިއްލައަކަށް ޓެކްސީގެ ބޯޑުގެ ކުލަ ފެހިކުލަ އިން ރަތް ކުލައަށް ބަދަލުވާނެ، މިކަމަށް ބޭނުން ވަނީ ތްރީޖީ ނުވަތަ ޓޫޖީގެ ހިދުމަތް އޮންނަ ސްމާޓްފޯނެއް ކާރުގައި އޮތުން،" ނާފިޒު ވިދާޅުވި އެވެ.
ޓެކްސީތައް ހޯދުމުގައި އަވަސް ގޮތްތަކެއް ހޯދައިދިނުމަށް ކުރަމުން ގެންދާ މި މަސައްކަތުގައި އެ ސޮފްޓްވެއާއިން ޓްރާންސްޕޯޓް އެތޯރިޓީއާއި ކަސްޓަމަރުންނާއި ޓެކްސީ ސެންޓަރުތައް ގުޅާލެވޭނެ އެވެ. އަދި އެދުވަހަކު ކުރި ދަތުރުތަކުގެ ތަފްސީލްތަކާއި އޮންލައިންކޮށް ޖަވާބުދާރީވި މިންވަރާއި ޓެކްސީ ޑްރައިވަރުން ނުކުތް އަދަދާއި ދަތުރުތަކަށް ނުނިކުންނަ ޑްްރައިވަރުންގެ އަދަދު ވެސް އެނގިގެންދާނެ އެވެ. މީގެ އިތުރުން ދަތުރެއް ބޭނުންވެފައި ހުންނަ ކަސްޓަމަރުންނަށް އެންމެ ކައިރިން ލިބެން އޮންނަ ޓެކްސީތަކަކީ ކޮބައިކަން ދައްކުވައިދޭނެ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.