ޔޫއެފާ ޗެންޕިއަންސް ލީގުގައި ރޭ ކުޅުނު ގްރޫޕް 'ބީ' ގެ ދެ މެޗުގައި 4-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް އެ ޓީމްގެ ހަވަނަ ކާމިޔާބީ ހޯދިއިރު، ލިވާޕޫލް ކުޅުނު މެޗު 1-1 ގެ ނަތީޖައަކުން އެއްވަރުވެ، ލިވާޕޫލް މުބާރާތުން ވަކިވާން ޖެހިއްޖެއެވެ.

ރޭ ރެއާލް މެޑްރިޑް ކުޅުނު މެޗުގައި އެ ޓީމް ބައްދަލުކުރީ ގްރޫޕް 'ބީ' ތާވަލްގެ އެންމެ ފުލުގައި އޮތް ލުޑޮގޮރެޓްސްއާއެވެ. މެޗުގެ 19 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިޔާ ތެރެއިން ލުޑޮގޮރެޓްސްގެ މާސެލީނޯ ބޯޅައިގައި އަތްލުމުން އެނާއަށް ވަނީ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. އެކަމާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ރެއާލްއަށް މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މެޗުގައި ރެއާލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށް އެ ޓީމުން ލީޑު ފުޅާކުރީވެސް މެޗުގެ ފުރަތަމަ ހާފްގައެވެ. އެ ލަނޑު ރެއާލްއަށް ކާމިޔާބު ކޮށްދިނީ މެޗުގެ 38 ވަނަ މިނެޓުގައި އެ ޓީމްގެ ގެރެތް ބޭލް އެވެ. މެޗުގައި ރެއާލްގެ ބާކީ ދެ ލަނޑު އެ ޓީމުން ކާމިޔާބުކުރީ މެޗުގެ ދެވަނަ ހާފްގެ ފަހު ވަގުތުކޮޅުއެވެ. މެޗުގެ 79 ވަނަ މިނެޓުގައި ރެއާލްގެ އަރްބެލޯ އެ ޓީމްގެ ތިންވަނަ ލަނޑު ކާމިޔާބު ކުރިއިރު، ރެއާލްއަށް އެ ޓީމްގެ އެންމެ ފަހު ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ 88 ވަނަ މިނެޓުގައި އެ ޓީމްގެ މެޑްރަން އެވެ.

އެ ލަނޑާއެކު މެޗު ނިމިގެން ގޮސްފައި ވާއިރު، އެ ކާމިޔާބީއަކީ ޗެންޕިއަންސް ލީގުގައި ރެއާލްގެ ހަވަނަ ކާމިޔާބީއެވެ. ލީގުގައި މިހާތަނަށް ގްރޫޕް 'އޭ'، 'ބީ'، 'ސީ' އަދި 'ޑީ' ގެ ޓީމްތައް ކޮންމެ ޓީމެއްވެސް ހަ މެޗު ކުޅެފައި ވާއިރު، ކުޅުނު ހަ މެޗުވެސް ކާމިޔާބު ކޮށްފައިވާ ހަމައެކަނި ޓީމަކީ ރެއާލްއެވެ.

ޗެންޕިއަންސް ލީގުގައި ރޭ ކުޅުނު ގްރޫޕް 'ބީ' ގެ ދެވަނަ މެޗުގައި ބައްދަލުކޮށްފައި ވަނީ ލިވަޕޫލް އާއި ބާސެލް އެވެ. އެ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް މެޗުގައި ލީޑު ނެގީ ބާސެލް އެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 25 ވަނަ މިނެޓުގައި އެ ޓީމްގެ ފެބިއަން ފްރޭ އެވެ.

މެޗުގެ ފުރަތަމަ ހާފްގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ، ރަނގަޅު ހަމަލާތަކެއް އުފައްދާފައި ވަނީ ލިވާޕޫލް އެވެ. މެޗުގެ ދެވަނަ ހާފްގެ މެދުތެރޭ ލިވާޕޫލްގެ ލަޒާ މާކޮވިޗްއަށް ސިދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުން އެ ޓީމަށް ވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް ފަހު ވަގުތުކޮޅު 10 ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ ލިވާޕޫލް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގައި ލިވާޕޫލަށް ކާމިޔާބު ކުރެވުނު ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ 81 ވަނަ މިނެޓުގައި އެ ޓީމްގެ ކެޕްޓަން ސްޓީވަން ޖެރާޑް އެވެ.

އެ ނަތީޖާއާއެކު ލިވާޕުލް ޗެންޕިއަންސް ލީގުން ކަޓާފައި ވާއިރު، މިއީ ފަސް އަހަރުގެ މުއްދަތަކަށްފަހު އެ ޓީމް ޗެންޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ ފަހަރެވެ. މިފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގައިވެސް ލިވަޕޫލް ވަނީ ގިނަ ނާކާމިޔާބީތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން މިފަހަރުގެ އިނގިރޭސި ލީގަށްފަހު އަންނަ އަހަރުގެ ޗެންޕިއަންސް ލީގަށް ދަތުރުކުރުމުގެ ފުރުސަތުވެސް އެ ޓީމަށް ވަނީ ވަރަށް ހަނިވެފައެވެ.