10 Dec 2014, 14:33
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަށް މިވަގުތުން މިވަގުތަށް ބޭނުންވާ ފައިސާ މަސް ގަންނަ ފަރާތްތަކުން ހޯދުމަށް މަޝްވަރާކޮށްފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.
މިފްކޯ އިން އެ ކުންފުންޏަކަށް މަސް ވިއްކަމުން އަންނަ ކުންފުންޏެއް ކަމަށްވާ ތައިޔޫނިއަން އިން ދަރަންޏަށް ފަސް މިލިޔަން ޑޮލަރު ހޯދާފައިވާ ކަމަށް ބައެއް މީޑިއާތަކުން މިއަދު ފެތުރި ހަބަރަކާ ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ވަކި ކުންފުންޏަކުން ވަކި އުސޫލަކުން ފައިސާ ހޯދުމަށް އެ ކުންފުނިން އަދި ނުނިންމާ ކަމަށެވެ. އަދި ބުނެފައި ވަނީ އެކަން ނިންމާނީ މަސްވެރިކަމަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށެވެ.
"... ފައިސާ ހޯދުމަށް މަސް ގަންނަ ފަރާތްތަކާއި އެކީގައި ވާހަކަ ދެއްކުމަށް 26 އޮކްޓޯބަރު 2014 ވީ އާދީއްތަ ދުވަހު ބޭއްވުނު މިފްކޯގެ 173 ވަނަ ބޯޑު ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފަ އެވެ. އަދި މަސްގަންނަ ފަރާތްތަކާއި އެކީ އެއްބަސްވެވޭ ގޮތެއް ބޯޑަށް ހުށަހެޅުމަށް ނިންމުނެވެ. މިހާތަނަށް މަސްގަންނަ ފަރާތްތަކާއި އެކީގައި ކުރެވިފައި ވަނީ ހަމަ އެކަނި މަޝްވަރާއެވެ،" މިފްކޯ އިން މިއަދު ނެރުނު ބަޔާނުގައިވެ އެވެ.
އެބަޔާނުގައި އަދި ބުނެފައި ވަނީ ބޯޓްފަހަރާއި ފެކްޓްރީތަކުގައި ކުރަން ޖެހޭ މަރާމާތުތައް ވޭތުވެ ދިޔަ ފަސް އަހަރު ތެރޭ އެކަށީގެންވާ ގޮތަށް ނުކޮށް ހުރި ކަމަށެވެ. އެހެންވެ ބޯޓްފަހަރާއި ފެކްޓްރީތައް މަރާމާތުކޮށް އަޕްގްރޭޑްކުރަން ޖެހޭ އެކަން ކުރެވެން އޮތީ ފައިސާ ލިބިގެން ކަމަށް ވެސް ބުނެފައިވެ އެވެ.
ތައިޔޫނިއަން އަށް ފަހުން މަސް ފޯރުކޮށްދޭ ގޮތަށް، ދަރަންޏަށް ފަސް މިލިޔަން ޑޮލަރު ނަގާފައިވާ ކަމަށް ފެތުރުނު ހަބަރާ ގުޅިގެން މިފްކޯގެ ސީއީއޯ އަދުލީ އިސްމާއީލް ވިދާޅުވީ އެ ހަބަރަކީ ދޮގެއް ކަމަށާއި މިފްކޯ ބޯޑާ މަޝްވަރާ ނުކުރައްވައި އެއްވެސް ކަމެއް ނުނިންމަވާނެ ކަމަށވެ. މިފްކޯގެ ހާލަތާ ބެހޭ ގޮތުން ސަންއާ ވާހަކަފުޅު ދައްކަވަމުން އަދުލީ ވިދާޅުވީ މަރާމާތު ނުކޮށް ހުރުމުން އެކުންފުނީގެ ފެކްޓްރީތަކުގެ އުފެއްދުންތެރިކަން ދަށް ވެފައިވާ ކަމަށެވެ.
"... ފެލިވަރު ކޭނިން ފެކްޓްރީ އެއީ ކުރިން ދުވާލަކު 50 ޓަނުގެ މަސް ބަންދުކުރެވޭ ތަނެއް. މިހާރު އެތަނުގައި މި ބަންދުކުރެވެނީ ދުވާލަކު 10 ޓަނާއި 12 ޓަނާއި ދެމެދުގެ މިންވަރެއް. ފާއިތުވި ފަސް އަހަރުގެ ތެރޭގައި ޑޮކްކޮށްފައި ވަނީ އެންމެ ބޯޓެއް. އެހެންވެ، ބޯޓްތައް ވެސް ހުރީ މަރާމާތު ކުރަން ޖެހިފައ،" އަދުލީ ވިދާޅުވި އެވެ.