ސަން ޓްރަވެލްސް އެންޑް ޓްއާސްގެ ތަރައްގީ އާއި ކުރިއެރުން ފާހަގަކޮށް، ބިޒްނެސް އިނީޝިއޭޓިވް ޑައިރެކްޝަންސް (ބިޑް) ގްރޫޕުގެ ފަރާތުން އެ ކުންފުންޏަށް ބައިނަލް އަގުވާމީ އެވޯޑެއް ދީފި އެވެ.

ސަން ޓްރެވެލްސް އާ މި އެވޯޑް ހަވާލުކޮށްދެއްވީ ސްވިޒަލޭންޑްގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޖެނީވާގައި ދާދި ފަހުން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ބިޑް ގްރޫޕުގެ ޕްރެޒިޑެންޓް އަދި ސީއީއޯ ޖޯސް އީ ޕްރީޓޯ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ގައުމު ތަކެއްގެ ބޮޑެތި އަދި ނަން މަޝްހޫރު ބައެއް ކުންފުނިތަކަށް އެވޯޑް ލިބިގެން ދިޔަ އެ ރަސްމިއްޔާތުގައި ސަން ޓްރަވެލްސް އަށް ލިބުނު "އިންޓަނޭޝަނަލް ސްޓާ ފޮ ކޮލިޓީ" އެވޯޑާ ހަވާލުވެވަޑައިގެންނެވީ ސަން ސިޔާމް ގްރޫޕް އޮފް ރިސޯޓްސް ފަރާތުން އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިންގ ޑައިރެކްޓަރ ޒުލޭޚާ މަނިކު އަދި ސަން ޓްރެވެލެސް ގެ ފަރާތުން އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިންގް މެނޭޖަރ އައިމިނަތު ނީނާ ނިޒާރު އެވެ.

ބިޑް ގްރޫޕު އުފައްދާފައި ވަނީ 1986 ވަނަ އަހަރު އެވެ. ފާއިތުވި 28 އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކުންފުނިތަކަކަށް ބިޑްގެ ފަރާތުން އެވޯޑް ދީފައިވެ އެވެ. އޭގެ ތެރޭގައި އިންޑިއާގެ ދެވަނަ އަށް އެންމެ ބޮޑު ބޭންކް ކަމަށްވާ އައިސީއައިސީއައި ބޭންކާއި އެންޓިވައިރަސް އިންޑަސްޓްރީގައި ނަން މަޝްހޫރު، ރަޝިއާގެ ކެސްޕާސްކީ ލެބާއި އޯޑިޓް ކުރުމުގައި ދުނިޔޭގެ އެންމެ އިސް ސަފުގައި ހިމެނޭ "ގްރޭންޓް ތޯންޓޮން، ރަޝިއާ" އާއި ގަތަރުގެ "ގާލާ ހޮސްޕިޓާލިޓީ" އާއި އިންޑިއާގެ ޓެކްނޮލޮޖީ ކުންފުނި "އެން ސީއާރް ކޯޕަރޭޝަން" އާއި "އިންޑިއަން އޮއިލް ކޯޕަރޭޝަން" (އައިއޯސީ) އާއި ކޮރެއާގެ "ކޮރެއާ އިލެކްޓްރިކް ޕަވާ ކޯޕަރޭޝަން" އާއި އިންޑިއާގެ "ރިލަޔަންސް އިންފްރާސްޓްރަކްޗާ ލިމިޓެޑް" އާއި ދުނިޔޭގެ އެންމެ އުސް ބިލްޑިންގް ކަމަށްވާ ބްރިޖު ޚަލީފާ އިމާރާތް ކުރި "ޓާނާ ކޮންސްޓްރަކްޝަން" އާއި އިންޑިއާގެ "ޓާޓާ" ގްރޫޕް ހިމެނެ އެވެ. މީގެ އިތުރުން ވެސް ޓެކްނޮލޮޖީ އާއި ހޮސްޕިޓަލިޓީ ދާއިރާ އާއި ސިއްހީ ދާއިރާ އާއި އިމާރާތް ކުރުމާއި ހަކަތަ އުފެއްދުން ފަދަ އެތައް ދާއިރާތަކަކުން ދުނިޔޭގެ ބޮޑެތި ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތް ތަކަށް ވެސް ބިޑްގެ އެވޯޑް ލިބިފައިވެ އެވެ.

މި އަހަރު މި އެވޯޑް ލިބުނު ބޮޑެތި ބައެއް ކުންފުނި ތަކުގެ ތެރޭގައި ނޯވޭގެ ފޯން އޮޕަރޭޓަރު "ވަން ކޯލް" އާއި ސިންގަޕޫރުގެ "ރެފްލްސް އެޑިޔުކޭޝަން ކޯޕަރޭޝަން ލިމިޓެޑް" އާއި ކުވޭތުގެ "ނެޝަނަލް ޓެކްނޮލޮޖީ އެންޓަޕްރައިސެސް ކޮމްޕެނީ" އާއި ޗައިނާގެ "ޔަންގްޓްޒް އޮޕްޓިކަލް ފައިބަރ އެންޑް ކޭބަލް ޖޮއިންޓް ސްޓޮކް ލިމިޓެޑް ކޮމްޕެނީ" އަދި އޮމާންގެ "ކޮލެޖް އޮފް ބޭންކިންގ އެންޑް ފައިނޭންޝަން ސްޓަޑީޒް" ހިމެނެ އެވެ.

ސަން ޓްރެވެލްސް އަށް މި އެވޯޑް ގޯލްޑް ކެޓެގަރީން ލިބުނު އިރު، އެ ކުންފުނި އުފެދިގެން މިހާ ހިސާބަށް އައި އިރު ހާސިލު ކޮށްފައިވާ ކުރިއެރުމާއި ތަރައްގީ ބިޑް ގުރޫޕުން ވަނީ ވަރަށް ބޮޑަށް ފާހަގަ ކޮށްފަ އެވެ. އެ ގޮތުން މިހާ ތަނަށް އެ ކުންފުނީން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓަރީ އަށް ކޮށްފައިވާ ޚިދުމަތާއި އެ އިންޑަސްޓްރީގައި އަދާކޮށްފައިވާ ދައުރު ބިޑް ގުރޫޕުން ވަނީ ފާހަގަކޮށްފަ އެވެ. މީގެ އިތުރުން އެންމެ މަތީ ފެންފަރުގެ ޓޫރިޒަމްގެ ޚިދުމަތް ރާއްޖޭގައި ދިނުން މަތީ ދެމިތިބުމަށް ސަން ޓްރެވެލްސް ގެ ފަރާތުން ކުރަމުން އަންނަ މަސައްކަތާއި އެ މަސައްކަތުގައި ހޯދާފައިވާ ކާމިޔާބީ ވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި ހަމަ އެހެންމެ އާ އުފެއްދުންތައް އުފެއްދުމާއި ޓޫރިސްޓުންގެ ހިތްހަމަޖައްސައިދިނުމަށް ޓަކައި އެންމެ މަތީ ފެންވަރުގެ ޚިދުމަތްތައް ތައާރަފުކުރުމަށް ކޮށްފައިވާ މަސައްކަތް ވެސް ސަން ޓްރެވެލްސް އަށް މި އެވޯޑް ލިބިގެން ދިޔަ މައިގަނޑު ސަބަބު ތަކުގެ ތެރޭގައި ވަނީ ހިމަނައިފަ އެވެ.


ބިޑްގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތު މިހާތަނަށް ބާއްވާފައި ވަނީ ލަންޑަންގަ އާއި ޕެރިސްގަ އާއި ނިއުޔޯކްގަ އާއި ސްޕެއިންގެ ވެރިރަށް މެޑްރިޑްގަ އާއި ޖަރުމަނުގެ ފްރާންކްފަޓްގަ އާއި ރަޝިއާގެ ވެރިރަށް މޮސްކޯ އާއި ސްވިޒަލޭންޑުގެ ޖެނީވާގަ އެވެ.

ބިޑްގެ އެވޯޑާ އެކު ހަނދާނީ ލިޔުން ސަން ޓްރެވެލްސް އަށް ލިބިފައިވާ އިރު، ސަން ޓްރެވެލްސް އިތުރަށް ތަރައްގީކޮށް ކުރިއެރުވުމަށް ބޭނުންވާ ލަފައާއި އިރުޝާދު ވެސް ކުރިޔަށް އޮތް ތަނުގައި ބިޑުގެ ފަރާތުން ދޭނެ އެވެ.

ބިޒްނެސް އިނީޝިއޭޓިވް ޑައިރެކްޝަންސް، (ބިޑް)ގެ އޮފީސް ހުންނަނީ ސްޕެއިންގެ ވެރިރަށް މެޑްރިޑްގަ އެވެ.

ބިޑް ގުރޫޕުގެ އެވޯޑް މި އަހަރު ސަން ޓްރެވެލްސް އެންޑް ޓްއާސް އަށް ލިބިފައިވާ އިރު، ހަމަ މި އަހަރުގެ ވޯލްޑް ޓްރަވެލް އެވޯޑްސް ގައި އިންޑިއާ ކަނޑުގެ ލީޑިން ފެމިލީ ރިސޯޓު އަދި ރާއްޖޭގެ ލީޑިން ސްޕާ ރިސޯޓުގެ މަގާމު ދަ ސަން ސިޔާމް އިރުފުށްޓަށް ވަނީ ލިބިފަ އެވެ.

މީގެ އިތުރުން އަގޯޑާ އިން އަހަރަކު އެއްފަހަރު ހޮވާ، އަގޯޑާ ގޯލްޑް ސަރކަލް އެވޯޑް މި އަހަރު ސަން ސިޔާމްގެ ދެ ރިސޯޓު ކަމަށްވާ ސަން ސިޔާމް އިރުފުށި ބީޗް އެންޑް ސްޕާ އާއި އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓަށް ވަނީ ލިބިފަ އެވެ.

ބިޑް ގުރޫޕުގެ ފަރާތުން ދޭ "އިންޓަނޭޝަނަލް ސްޓާ ފޮ ލީޑާޝިޕް އިން ކޮލިޓީ" އެވޯޑް ސަން މީޑިއާ ގުރޫޕަށް މި އަހަރުގެ ޖޫން މަހު ވަނީ ލިބިފަ އެވެ. އެ ހަފުލާ އޮތީ ފްރާންސްގެ ވެރި ރަށް ޕެރިސްގަ އެވެ.