މަރުކަޒީ ބޭންކް އެމްއެމްއޭގެ "ފޮރިން ކަރަންސީ ފައިނޭންޝަލް އެސެޓް" މަސް ދުވަހުގެ ތެރޭގައި 67 މިލިއަން ރުފިޔާ ދަށަށް ހިނގައްޖެ އެވެ.

މަރުކަޒީ ބޭންކު އެމްއެމްއޭ އިން އާންމުކޮށްފައިވާ އެ ބޭންކްގެ މިދިޔަ މަހުގެ މާލީ ހިސާބުތައް ދައްކާ ގޮތުން "ފޮރިން ކަރަންސީ ފައިނޭންސްޝިއަލް އެސެޓްސް" މަސް ދުވަހުގެ ތެރޭގައި 67 މިލިއަން ރުފިޔާ ދަށަށްގޮސްފައިވާ އިރު "ލޯކަލް ކަރަންސީ ފައިނޭންޝަލް އެސެޓް" ވަނީ 36 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.

އެހެންކަމުން މިދިޔަ މަސް ދުވަހުގެ ތެރޭގައި އެ ބޭންކުގެ "ޓޯޓަލް ފައިނޭންޝަލް އެސެޓް" ވަނީ 30.8 މިލިއަން ރުފިޔާ ދަށަށް ގޮސްފަ އެވެ.

އެމްއެމްއޭގެ މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާ އިރު އެ ބޭންކުގެ "ޓޯޓަލް ފައިނޭންޝަން ލައިބިލިޓީ" ވަނީ މަސް ދުވަހުގެ ތެރޭގައި 4.4 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އަދި އެ ބޭންކްގެ ޓޯޓަލް ލައިބިލިޓީ ވަނީ 10.4 މިލިއަން ރުފިޔާ އަށް އަރައިފަ އެވެ.

އެމްއެމްއޭ އިން ހިމަނާފައި ހުރި ނޯޓުތަކުގައި ބުނެފައި ވަނީ ދައުލަތުގެ ރިޒާވު މަތިވުމާއި ދަށްވުން ބިނާވެފައި ވަނީ އެމްއެމްއޭގެ ރައުސްމާލުގައި ހިމެނޭ ރަނާއި ބޭރު ފައިސާއާ އަދި ރުފިޔާގެ އަގަށް އަންނަ ބަދަލުތަކުގެ މައްޗަށް ކަމަށެވެ.