10 Dec 2014, 12:47
ޔޫއެފާ ޗެންޕިއަންސް ލީގުގައި ރޭ ގެލަޓަސެރޭއާ ބައްދަލުލުރި މެޗު ފަސޭހަ ކަމާއެކު ކާމިޔާބުކޮށް އާސެނަލް ޗެންޕިއަންސް ލީގުގެ ދެވަނަ ބުރަށް ދަތުރު ކޮށްފިއެވެ.
އެ މުބާރާތުގައި ރޭ ކުޅުނު މެޗު އާސެނަލް ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި އާސެނަލް ކާމިޔާބު ކުރި ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ ތިންވަނަ މިނެޓުގައި އެ ޓީމްގެ ލޫކަސް ޕޮޑޮލްސްކީ އެވެ. އެ ލަނޑާއެކު ގެލަޓަސެރޭ ކުޅުން ރަނގަޅުކުރިނަމަވެސް، އާސެނަލް ވަނީ މެޗުގައި 11 ވަނަ މިނެޓުގައި އަނެއްކާވެސް ލަނޑެއް ކާމިޔާބުކޮށް، މެޗުގައި ލީޑު ފުޅާކޮށްލާފައެވެ. އެ ލަނޑު އާސެނަލްއަށް ކާމިޔާބުކޮށްދިނީ އެ ޓީމްގެ އާރޮން ރަމްސީ އެވެ.
މެޗުގައި އާސެނަލް ކާމިޔާބުކުރި ތިން ވަނަ ލަނޑުވެސް އެ ޓީމުން ކާމިޔާބުކުރީ ފުރަތަމަ ހާފްގައެވެ. މެޗުގެ 29 ވަނަ މިނެޓުގައި އެ ލަނޑު ކާމިޔާބުކޮށް މެޗުގެ ކާމިޔާބީ އާސެނަލްއަށް ކަށަވަރުކޮށްދިނީ އެ ޓީމްގެ ދެވަނަ ލަނޑުވެސް ކާމިޔާބުކުރި ރަމްޒީ އެވެ. އެ ނަތީޖާއާއެކު ފުރަތަމަ ހާފް ނިމިފައި ވާއިރު، އެ ހާފްގެ ފަހު ވަގުތުކޮޅު ދެ ޓީމުގެ ފަރާތުންވެސް ފެނިގެން ގޮސްފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ.
މެޗުގައި ގެލަޓަސެރޭއަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ ދެވަނަ ހާފް ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް އެ ޓީމްގެ ވެސްލީ ސްނައިޑާ އެވެ. އެ ލަނޑާއެކު ކޮށްޓުމަށްފަހު ގެލަޓަސެރޭ އުފެއްދި ހަމަލާގެ ކައުންޓާ އެޓޭކެއްގައި އާސެނަލް ވަނީ މެޗުގައި އެ ޓީމްގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. އެ ލަނޑު އާސެނަލްއަށް ކާމިޔާބު ކޮށްދިނީ ދެވަނަ ހާފްގެ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި އެ ޓީމްގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކުރި ޕޮޑޮލްސްކީ އެވެ.
އެ ލަނޑާއެކު މެޗު ނިމިގެން ގޮސްފައި ވާއިރު، އާސަނަލްގެ އެ ކާމިޔާބީއާއެކު އެ ޓީމް ވަނީ ޗެންޕިއަންސް ލީގް ގްރޫޕް 'ޑީ' ތާވަލްގެ އެއްވަނައިގައި އޮތް ބޮރޯޝިއާ ޑޯޓްމަންޑާއި ޕޮއިންޓުގެ ގޮތުން ހަމަހަމަ ކޮށްފައެވެ. ޗެންޕިއަންސް ލިގުގައި މިހާތަނަށް ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗު ޑޯޓްމަންޑް ކާމިޔާބު ކޮށްފައި ވާއިރު، އެ ޓީމަށް މިހާތަނަށް ލިބިފައި ވަނީ މުޅިއަކު 13 ޕޮއިންޓެވެ. ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބު ކޮށް އާސެނަލްވެސް މިހާތަނަށް 13 ޕޮއިންޓު ހޯދާފައި ވާއިރު، އެ ޓީމް ތާވަލްގެ ދެވަނައިގައި އޮތީ ޑޯޓްމަންޑާ އަޅާ ބަލާއިރު، ފައިދާ ލަނޑުގެ އަދަދު ދަށްވުމުންނެވެ.