ދިމާވެދާނެ ކުއްލި ކާރިސާތަކަށް ތައްޔާރުވެތިބުމަށް ދައުލަތުގެ ބަޖެޓުގައި ފައިސާ ހިމަނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު ދިރާސާ ކުރި ކޮމިޓީން ހުށަހެޅި ރިޕޯޓަށް ބަހުސްކުރައްވަމުން ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވީ ދައުލަތެއް ގާއިމްވެފައި އޮތުމަކީ ދިމާވެދަނެ ކާރިސާތަކަށް ކުރިއާލާ ތައްޔާރުވެ ތިބުން ކަމަށެވެ. އެހެންކަމުން ކާރިސާތަކަށް ތައްޔާރުވުމަށް ބަޖެޓުގައި ފައިސާ ހިމެނުމަކީ މުހިއްމު ކަމެއްކަމަށް މޫސާ ވިދާޅުވި އެވެ.

"މާލޭގައި އެންމެ މީހުން ގިނަތަނުގައި ޕާކު ކުރާނެތަނެއް ނެތިގެން އެންމެ ފަހުން ކަށިމަތީގައި ވެސް ޕާކު ކުރާ ހިސާބަށް ދަނީ. ކަންމަތީގައި ވެސް ޕާކު ކުރަނީ. އެންމެ ފަހުން ޕިކަޕެއްގައި ޖެހި ދަރިއަކު މަރުވީމާ ވަރަށް ބޮޑު ހިތާމައެއް. އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން އާއިލާ މީހުންނާ ބައްދަލުކޮށް ހިތާމަފާޅުކުރައްވާ މިހުރިހާ ކަމެއް ކުރަން އެބަޖެހޭ. އެކަމަކު އެކަމަށް ޓަކައި ކުރަންވީ ކަމެއް ކުރިއާލާ ވިސްނުން ކީއްތޯއޭ ވާނީ.." މޫސަ ވިދާޅުވި އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވީ ބަޖެޓުގެ ކަންކަމާ ގުޅޭ ގޮތުން ވާހަކަދައްކާއިރު ރައްޔިތުން އެއަށްވުރެ ބޮޑަށް ސަމާލުކަންދޭން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އޭނާ މިސާލެއްގެ ގޮތުން ނެންގެވީ އެންމެ ރަންވޭއެއްގެ މައްޗަށް އޮންނަ އެއާޕޯޓްގެ ވާހަކަ އެވެ. އަދި ވިދާޅުވީ ހާދިސާއެއް ދިމާވެއްޖެ ނަމަ ހީނުކުރާ ފަދަ ގެއްލުމާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. އެހެން ކަމާ އެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް ކުރިއަށް އަޅަން ޖެހޭ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެއް އެއީ ރާއްޖޭގެ އެއާޕޯޓްގައި އޮތް ރަންވޭއަކީ. ދިވެހިރާއްޖެ އަށް ބޭރު ފައިސާ ނުވަތަ ދިވެހިރާއްޖެ އަށް އާމްދަނީ ވަންނަ ހަމައެކަނި ދޮރާއްޓަކީ ދިވެހިރާއްޖޭގެ މި ގައުމީ އެއާޕޯޓް. އެތަނަށް ގޮތެއް ވެއްޖިއްޔާ ދެން ކިހިނެއްތޯ އަޅުގަނޑުމެންގެ ކަންތައްތައް ވެގެންދާނީ. މި ފަދަ ކަންތައްތަކަކީ އަޅުގަނޑު ގަބޫލުކުރަނީ ހުރިހާ އިއްޒަތްތެރި މެމްބަރުން ވެސް ވިސްނަންޖެހޭ އަދި މިބަޖެޓުން ތަންދޭން ޖެހޭ ކަންތައްތަކެއް ކަމަށް،" ފައިސަލް ވިދާޅުވި އެވެ.

ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވީ މާލެއަށް ފެނުގެ މައްސަލަ ދިމާވުމުން އެއީ ގައުމީ ސަލާމަތަށް ނުރައްކާ ހުރި ކަމެއް ކަމަށް ބައެއް ބޭފުޅުން ވިދާޅުވަމުން އަންނަ ކަމަށެވެ. އެއީ ގައުމީ ސަލާމަތަށް ނުރައްކާތެރި ކަމެއްކަން އެނގިތިބެ އެތަނުގެ އޮޑިޓެއް ހައްދަވާފައި ނުވާތީ ދީދީ ވަނީ އެކަމާ ސުވާލު އުފައްދަވާފައި އެވެ.