މާލޭގެ ފެން ކުންފުންޏަށް ދިމާވި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލެއިން ފެން ކެނޑުމާ ގުޅިގެން، ސަރުކާރުން މާލޭގެ ރައްޔިތުން ނަށް ފެންފޯރު ކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި އިންސާނީ ހައްގުތަކަށް އިސްކަންދޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޗަން އޮފްދި މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާއްސަބަތުގައި އެޗްއާރުސީއެމްއުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މި ދަނޑިވަޅަކީ މާލޭގެ ރައްޔިތުންނަށް ވަރަށް މުހިންމު އަސާސީ ހައްގެއް ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ދަތި އުނދަގޫ ދުވަސްކޮޅެއް ކަމަށާއި، މި ދަނޑިވަޅުގައި ރައްޔިތުންނަށް ހައްގުތަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް ތައުރީފު ހައްގުވާ ކަމަށެވެ.

"ކުއްލިގޮތަކަށް ދިމާވެފައިވާ މިކާރިސާގައި، ހައްގުތައް ފޯރުކޮށްދިނުމުގެ ޒިންމާ ހަވާލުވެފައިވާ ދައުލަތުގެ ފަރާތުން، ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ސަރުކާރުގެ އެކި މުއައްސަސާ ތަކުން މާލޭގައި ދިރުއުޅޭ ފަރާތް ތަކަށް ފެން ފޯރުކޮށްދިނުމަށްޓަކައި ގިނަގުނަ ބުރަ މަސައްކަތްތަކެއް ކުރަމުންދަނީ ތައުރީފު ހައްގުވާ ގޮތައް" އެޗް އާރުސީއެމްގެ ބަޔާނުގައި ވެއެވެ.

ސަރުކާރުން އިންސާނީ ހައްގުތަކުގެ އުސޫލު އިސްކުރަމުން ދާކަން ފާހަގަކޮށް އެ ބަޔަނުގައި ބުނެފައިވަނީ ޚާއްސަ އެހީއައް ބޭނުންވާ މީހުންނާއި، އުމުރުން ދުވަސްމީހުންނާއި، މާބަނޑު އަންހެނުން އަދި ކުޑަކުދިންނަށް ފަސޭހަ އިންތިޒާމެއްގެ ދަށުން ފެންފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ވަރަށް ޒިންމާދާރު ކަމާއެކުކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ރައްޔިތުންގެ ހައްގުތައް އެންމެ ފުރިހަމައަށް ރައްކާތެރިކުރުމަށް ބިލްތައް އެކުލަވާލުމުގައި ސަރުކާރާއި މަޖިލީހުން ކުރާ މަސައްކަތް ފާހަގަކޮށް އެޗްއާރުސީއެމްއިން ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުން ބިލްތަށް ފާސްކުރުމުގައި، އިންސާނީ ހައްގުތައް އެންމެ ފުރިހަމައަށް ކަށަވަރުވާގޮތަށް މަސައްކަތް ކޮށްދިނުމަށް އެޗްއާރުސީއެމުން ވަނީ އިލްތިމާސްކޮށްފައެވެ.

"ރައްޔިތުންގެ ހައްގުތައް އެންމެ ފުރިހަމައަށް ރައްކާތެރިކުރުމަށް ބިލްތައް އެކުލަވާލުމާއި، ހެދިފައިވާ ގާނޫނުތައް ތަންފީޒު ކުރެއްވުމާއި، ހެޔޮވެރިކަމެއްގެ ތެރއިން ރައްޔިތުންގެ އިންސާނީ ހައްގުތަކާއި މިނިވަންކަން ލިބިދިނުމަށް ސަރުކާރުން ކުރަމުންދާކަން ފާހަގަކުރަން،" އެ ބަޔާނުގައި ވެއެވެ.

މިއަދަކީ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަސްކަމުގައިވާއިރު، މިއަދުގެ ޝިއާރަކީ "އަހަރުގެ 365" ދުވަހެވެ. ކޮންމެ ދުވަހަކީ ވެސް އިންސާނީ ހައްގުތަކުގެ ދުވަހެވެ.