10 Dec 2014, 12:08
ބަނޑުލުމަކީ އެކަމުގެ ސަބަބުން ދިރިއުޅުމަށް އެތަކެއް އުދަނގޫތަކެއް ދިމާވާ ކަމެކެވެ. ގިނަފަހަރަށް މި މައްސަލަ ދިމާވަނީ އަހަރެމެންނަށް ގެންގުޅެވޭ ބައެއް ނުރަނގަޅު އާދަތަކެއްގެ ސަބަބުންނެވެ. އެގޮތުން މި ލިޔުމުގައި އަލިއަޅުވާލާނީ ބަނޑުލުމުން ދުރުކޮށްދޭނޭ ފަސް އާދައަކަށެވެ.
ލަސްލަހުން ކެއުން
ދިރިއުޅުމުގެ ކަންތަައްތަކުގައި އަވަދިނެތި އުޅެން ޖެހުމުގެ ސަބަބުން އަހަރެމެންނަށް ގިނަ ފަހަރަށް ކެއުމަށް ވެސް އެކަށީގެންވާ ވަގުތެއް ނުދެވެ އެވެ. މިހެންކަމުން އަވަސް އަރުވާލާފައި ކެވޭ ގޮތްވެ އެވެ. އަވަސް އަރުވާލާފައި ކެއުމުގެ ސަބަބުން ބަނޑުގައި ވައި ހެދި ބަނޑުލުމުގެ މައްސަލަ ދިމާވެ އެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ އަހަރެމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ވެސް އަންގަވާފައިވާ ގޮތަށް އަވަސް އަރުވާލުމުގެ ބަދަލުގައި ލަސްލަހުން ކެއުމެވެ.
ބަންދުކޮށްފައި ހުންނަ ބުއިންތަކާ ދުރުވުން
ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް ބޭނުންކުރުމުން ތަޒާކަން ލިބިދާނެ އެވެ. އެހެންނަމަވެސް ހަމައެއާ އެކު މިފަދަ ތައްޔާރީ ތަކެތި ބޭނުންކޮށްގެން އުފައްދާފައި ހުންނަތަކެއްޗަކީ ބަނޑުލުމަށް ހުޅުވާލަދޭ އިތުރު ދޮރެކެވެ. މިފަދަ ބުއިންތަކުގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ ތަޒާ މޭވާގެ ބުއިންތައް އަމިއްލައަށް ތައްޔާރުކޮށްގެން ބުއިމެވެ.
ބަންދުކޮށްފައި ހުންނަ ކާނާގެ ބާވަތްތަކާއި ދުރުވުން
ދަޅު ދަޅާއި ޕެކެޓްތަކުގައި ތަފާތު ނަންނަމުގައި ބަންދުކޮށްފައި ހުންނަ ކާނާތަކަކީ އަހަރެމެން ދެވިހިފާފައިވާ ތަކެއްޗެވެ. އަދި ގިނަަފަހަރަށް ފަސޭހަކޮށްލުމުގެ ގޮތުންވެސް މިފަދަ ކާނާގެ ބާވަތްތަށް ބޭނުންކޮށްލެވެ އެވެ. އެހެންނަމަ ވެސް ހަގީގަތަކީ ބަންދުކޮށްފައި ހުންނަ މިފަދަ ކާނާތައް ބޭނުންކުރުމުގެ ސަބަބުން ތަފާތު ސިއްޙީ މައްސަލަތަކަށް ފުރުސަތު ހުޅުވިގެންދާކަމެވެ. އެގޮތުން މިއީ ބަނޑުލުމަށް ވެސް މަގުފަހިކުރުވާ ކަމެކެވެ. އެހެންކަމުން ބަންދުކޮށްފައި ހުންނަ ތަކެތި ކެއުމުގެ ބަދަލުގައި އަބަދުވެސް އަމިއްލައަށް ތައްޔާރުކުރާ ކާނާ ކެއުމަށް އިސްކަންދޭށެވެ.
ނިދާގަޑި އާއި ގާތްކޮށް ކެއުމާއި ދުުރުވުން
އެންމެ ލަސްވެގެން ވެސް ރޭގަނޑު ނިދުމުގެ އެއްގަޑި އިރު ކުރިން ކެއުމުގެ އާދަގެންގުޅުއްވާށެވެ. ކެއުމަށް ބޭނުންކުރި އެއްޗެއް ހަޖަމުވުމަށް ވަގުތު ނުދެވޭ ކަމުގައިވާ ނަމަ އެއްވެސް ޝައްކެތްނެތި ބަނޑުލުމުގެ މައްސަލަ ދިމާވާނެ އެވެ.
އެލާޖިކްވާ ކާނާގެ ބާވަތްތަށް ބޭނުންނުކުރުން
ކާނާގެ ބާވަތްތަކަށް އެލާޖިކް ވުމަކީ އާދައިގެ ކަމެއް ނޫނެވެ. އެލާޖިކްވާ ކާނާއެއް ބޭނުންކުރާ ނަމަ ބަނޑުލުމުގެ މައްސަލަ ކުރިމަތިވުމާއި ވަރަށް ގާތެވެ. ސަބަބަކީ އެލާޖިކްވާ ކާނާގެ ބާވަތްތަކަކީ ހަޖަމުނުކުރެވޭނެ ކާނާތަކެވެ.
މައުލޫމާތު: ސްޓެތްނިއުސް