އެމްޑަބްލިއުއެސްސީން މިހާރު ފެން ދޫކުރަމުން ގެންދާ ގަޑިތަކުގައި އެއްވެސް ކަހަލަ މައްސަލައެއް ދިމާވާ ނަމަ އެކަމުގެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޑަބްލިއުއެސްސީން މިއަދު އާއްމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މުޅި މާލެ އިން ފެނުގެ ހިދުމަތް މެދުކަނޑުމާ އެކު، އެ ކުންފުނިން ފެން ދޫކުރާ ގަޑިތަކުގައި ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް އެސްއެމްއެސް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.

އެގޮތުން ފެން ދޫކުރާ ވަގުތުތަކުގައި ފެންލީކްވުން، ފޯޑުު ވޭލްވް އަދި ބޫސްޓަރު ޕަމްޕަށް މައްސަލައެއް ދިމާވެއްޖެ ނަމަ ކަސްޓަމަރުންގެ ނަމާއި މީޓަރު ނަންބަރު އަދި އެ މައްސަލައެއްގެ ހުލާސާއަކާ އެކު 1050 އަށް އެސްއެމްއެސް ކުރުމުން އެ މައްސަލައެއް ހައްލުކުރުމުގެ މަސައްކަތް އެކުންފުނިން ކުރިއަށް ގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ފެނުގެ ހިދުމަތް މެދުކެނޑުމަށް ފަހު، އެމްޑަބްލިއުއެސްސީން ގެންދަނީ ހެނދުނުނާއި ރޭގަނޑާއި ތިން ގަޑިއިރު ފެން ދޫކުރަމުންނެވެ.