އެބައެއްގެ އަޑު އަހައި އިޖާބަ ދޭނެ ބަޔަކު ނެތިފައި ތިބި ދުނިޔޭގެ އެތައް މިލިޔަން މީހުންނާ އެކުގައި އޮތް ކަމަށް ޔުނައިޓެޑްނޭޝަންސް (ޔޫއެން) ހައިކޮމިޝަނަރް ފޯ ހިއުމަން ރައިޓްސްގެ އޮފީހުން ބުނެފި އެވެ.

އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަ ކުރެއްވުމުގެ ގޮތުން މިއަދު އާއްމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ޔޫއެން ހައިކޮމިޝަނަރް ފޯ ހިއުމަން ރައިޓްސް ޒައިދު ރައަދު އަލް ހުސައިން ވިދާޅުވީ ކޮންމެ ދުވަހަކީ ވެސް އިންސާނީ ހައްގުތަކުގެ ދުވަހެއް ކަމަށެވެ.

"... އަހަރަކު 365 ދުވަހު، ކޮންމެ ދުވަހަކީ ވެސް އިންސާނީ ހައްގުތަކުގެ ދުވަހެއް. އެންމެންނަށް ވެސް ހަމަހަމަ ކަމާއި ކަރާމަތާއި މިނިވަންކަން ކަށަވަރުކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރާ ދުވަހެއް. ޔޫއެން ހިއުމަން ރައިޓްސް މިއޮތީ އެބައެއްގެ އަޑު ނޭހޭ އެތައް މިލިޔަން މީހުންނާއި އެކު،" މެސެޖްގައި ޒައިދު ވިދާޅުވެފައިވެ އެވެ.

އިންސާނީ ހައްގުތައް އެންމެނަށް ލިބި ދިނުމަށް ޔޫއެން އިން ގޮވައިލަމުން އަންނަ ގޮވައިލުމުގައި އެންމެން ވެސް ބައިވެރިވުމަށް އޭނާ ވަނީ ގޮވައިލައްވާފަ އެވެ. އެގޮތުން ސޯޝަލް މީޑިއާގައި ވެސް އެކަމަށް ގޮވައިލަން އެދިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ދުނިޔޭގެ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަ ކުރުމަށް ޔޫއެން އިން މިހެން ގޮވައިލި ކަމުގައި ވިޔަސް އިންސާނީ ހައްގުތައް ކަށަވަރު ކޮށްދިނުމުގައި 69 އަހަރުގެ ތެރޭގައި އިންސާނީ ހައްގުތަކާއި މިނިވަންކަން ކަށަވަރު ކޮށްދިނުމުގައި އެޖަމާއަތަށް ކުރެވިފައި ވަނީ ވަރަށް ކުޑަ މަސައްކަތެކެވެ.