10 Dec 2014, 11:27
ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދެމުން އަންނަ އުރީދޫ އިން މާލޭގައި ދިމާވެފައިވާ ފެނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން އުފައްދާފައިވާ މާލޭ ވޯޓާ ކްރައިސިސް މެނޭޖްމަންޓު ފަންޑަށް 75،000 އެމެރިކާ ޑޮލަރު ހަދިޔާކޮށްފި އެވެ.
އުރީދޫ އިން މިއަދު ބުނީ މާލޭ ވޯޓާ ކްރައިސިސް ފަންޑަށް މިއަދު 75،000 އެމެރިކާ ޑޮލަރު އެކުންފުނިން ހަދިޔާކޮށްފައިވާ ކަމަށާއި ވަަަރަށް އަވަހަށް ގަތަރުން މާލެ އަށް ބޯފެން ގެނައުމުގެ މަސައްކަތް އެ ކުންފުނިން ފަށާނެ ކަމަށެވެ.
"ވަރަށް އަވަހަށް ގަތަރުން ފުޅީގައި ބަންދުކޮށްފައި ހުންނަ ބޯފެން ވައިގެ މަގުން ގެނައުމުގެ މަސައްކަތް މިކުންފުނިން ފަށާނަން،" އުރީދޫގެ ޓުވީޓެއްގައިވެ އެވެ.
މާލޭގައި ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލު ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޓަކައި ސަރުކާރުން ގާއިމްކޮށްފައިވާ ފަންޑަށް އުރީދޫގެ އިތުރުން ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު ވެސް ވަނީ އެއްލައްކަ ޑޮލަރު ހަދިޔާ ކުރައްވައިފަ އެވެ. އަދި އެ ފަންޑަށް ޗަންޕާ ބްރަދާސްގެ ފަރާތުން ވެސް އެއްލައްކަ އެމެރިކާ ޑޮލަރުގެ އެހީއާއި 75 މިލިއަން ރުފިޔާގެ ލޯން އެހީއެއް ވަނީ ދެއްވައިފަ އެވެ. އަދި ޓީއެމްއޭ އާއި އެމްޓީޑީސީ އިން ކުރެ ކޮންމެ ކުންފުންޏަކުން ވެސް 100،000 ޑޮލަރު ހަދިޔާކޮށްފަ އެވެ.
މީގެ އިތުރުން ވެސް ގިނަ ފަރާތްތަކަކުން އެެ ފަންޑަށް އެހީވަމުންދާ ކަމަށް ޓާސްކްފޯސް އިން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް މިހާތަނަށް އެ ފަންޑަށް ލިބިފައި ވަނީ ކިހާ ފައިސާއެއް ކަމެއް ހާމައެއް ނުކުރެ އެވެ.