ތ. ތިމަރަފުށީ ބުލޫނިޔާގޭ އަހްމަދު އަސީލް މަރާލި މައްސަލައިގެ ތުހުމަތުގައި އަށް ވަނަ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

އުމުރުން 19 އަހަރުގެ އަސީލް މަރުވެފައި ވަނީ މިދިޔަ އޯގަސްޓް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދިދި ގޯޅިތެރޭގައި ތޫނުހަތިޔާރުން ބަޔަކު އޭނާއަށް ހަމަލާދިނުމުން ލިބުނު އަނިޔާތަކަށް އައައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް އެ މަހުގެ 29 ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ އިއްޔެ ހަވީރު 5:00 އެހައިކަންހާއިރު މ.ރިހިވިދުވަރުގެއިން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ވަނީ 16 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.

ދިދި ގޯޅިތެރޭގައި ހިންގި މާރާމާރީގެ ސަބަބުން އަސީލް މަރުވެފައިވާއިރު 20 އަހަރުގެ މީހަކާއި 13 އަހަރުގެ ކުޑަ ކުއްޖަކު ޒަޚަމްވެފައިވެއެވެ. އެ ދެ މީހުންނަށް ފަރުވާދިނުމަށްފަހު ހޮސްޕިޓަލުން ވަނީ ދޫކޮށްލާފަ އެވެ.

އަސީލް މަރާލި މައްސަލައިގެ ތުހުމަތުގައި މީގެކުރިން ހަ މީހަކާއި 18 އަހަރުން ދަށުގެ ކުއްޖަކު ވަނީ ހައްޔަރު ކޮށްފައެވެ. އެ އެންމެން އަދިވެސް ތިބީ ފުލުހުންގެ ހައްޔަރުގައެވެ.