10 Dec 2014, 11:17
ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އެލައިޑް އިންޝުއަރެންސް ގައުމީ ވޮލީބޯޅަ ލީގުގެ ޗެންޕިއަންކަން ދިވެހި ސިފައިންގެ ކްލަބުން ކަށަވަރުކޮށްފިއެވެ.
އެ މުބާރާތުގެ ޗެންޕިއަންކަން ދިވެހި ސިފައިންގެ ކްލަބުން ކަށަވަރުކުރީ މުބާރާތުގެ ދެވަނަ ބުރުގައި އެ ޓީމް ކުޅުނު ފަސް ވަނަ މެޗު ކާމިޔާބު ކޮށްގެނެވެ. އިއްޔެ ހަވީރު ކުޅުނު އެ މެޗުގައި ބައްދަލުކުރީ ދިވެހި ސިފައިންގެ ކްލަބާއި ސްޕޯޓްސް ކްލަބް ގުޑީސް އެވެ. އެ މެޗު ސިފައިންގެ ކްލަބް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިވެހި ސިފައިންގެ ކްލަބުގެ އަހުމަދު އަބްދުލް ކަރީމް އެވެ.
ދިވެހި ސިފައިންގެ ކްލަބުން މުބާރާތުގެ ޗެންޕިއަންކަން ކަށަވަރު ކޮށްފައި މިވަނީ ލީގުގައި އަދި އެ ޓީމް އެއް މެޗު ކުޅެން ހަމަޖެހިފައި ވަނިކޮށެވެ. މުބާރާތުގެ ދެވަނަ ބުރުގައި ކޮންމެ ޓީމެއްވެސް މުޅިއަކު ހަ މެޗު ކުޅެން ހަމަޖެހިފައި ވާއިރު، އަދި މިހާތަނަށް ދެވަނަ ބުރުގައި ކޮންމެ ޓީމެއްވެސް ކުޅެފައި ވަނީ ފަސް މެޗެވެ.
އެ މުބާރާތުގައި އިއްޔެ ރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ސްޕޯޓްސް ކްލަބް ސިޓީ އާއި ޕޮލިސް ކްލަބެވެ. އެ މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސްޕޯޓްސް ކްލަބް ސިޓީ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ސްޕޯޓްސް ކްލަބް ސިޓީގެ ކަލައިޗެލްވަމް އެވެ.
ރޭގެކާމިޔާބީއާއެކު ސްޕޯޓްސް ކްލަބް ސިޓީ މުބާރާތުގެ ދެވަނަ މަގާމާ ގާތަށް ޖެހިލާފައި ވާއިރު، އެ މަގާމުގައި މިހާރު އޮތީ ޕޮލިސް ކްލަބެވެ. މުބާރާތުގެ ދެވަނަ ބުރުގައި މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗު އެ ޓީމް ކާމިޔާބު ކޮށްފައި ވާއިރު، ރޭގެ ކާމިޔާބީއަކީ މުބާރާތުގެ ދެވަނަ ބުރުގައި ސްޕޯޓްސް ކްލަބް ސިޓީގެ ދެވަނަ ކާމިޔާބީއެވެ.
ގައުމީ ވޮލީބޯޅަ ލީގުގެ އެންމެ ފުލުގައި މިހާރު އުޅެނީ ސްޕޯޓްސް ކްލަބް ގުޑީސް އެވެ. އެ ޓީމް ވަނީ މުބާރާތުގެ ދެވަނަ ބުރުގައި ކުޅުނު ފަސް މެޗުންވެސް ބަލިވެފައެވެ. އެ މުބާރާތުގެ ފަހު ދެ މެޗު ކުޅެން ހަމަޖެހިފައި ވަނީ މާދަމާ ހަވީރާއި ރޭގަނޑުއެވެ. މެޗުތަކުގެ ކުޅުން ކުރިއަށް ގެންދާނީ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލްގައެވެ.