ވޮޝިންޓަން (ޑިސެމްބަރު 10): އަނިޔާވެރިކަމަށް ނަންމަޝްހޫރު އެމެރިކާގެ ގުއަންޓެނާމޯ ޖަލުގައި ހައްޔަރުކޮށްފައިވާ އަސީރުންނަށް އެމެރިކާ ސަރުކާރުން ރަހުމުކުޑަ އިންސާނިއްޔަތާ ޚިލާފު އަނިޔާތައްކޮށްފައިވާ ކަމަށް އެމެރިކާގެ ސެނެޓުން ވެސް އެންމެފަހުން އެއްބަސްވެއްޖެ އެވެ.

މިކަމާބެހޭ ގޮތުން ސެނެޓުން ނެރުނު ރިޕޯޓެއްގައި ގުއަންޓެނާމޯ ޖަލުގައި ހައްޔަރުކޮށްފައިވާ އަސީރުންގެ ކިބައިން އެމެރިކާ ސަރުކާރުން ބޭނުންވާ އިޢުތިރާފްތައް ހޯދުމަށްޓަކައި ފެނުއަޑީގައި ގަންބައި ހިފެހެއްޓުމާއި ކަރަންޓްގައި ޖެއްސުމާއި މަރާލާނެކަމުގެ ބިރުދެއްކުމާއި ހަށިގަނޑަށް ތަހައްމަލް ނުކުރެވޭނެފަދަ ވޭންދެނިވި އަނިޔާތައް ދިނުންފަދަ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ މުޅިން ޚިލާފު އަނިޔާތައް ފުޅާދާއިރާއެއްގައި ހިންގާފައިވާ ކަމަށް ބުނެފައިވެ އެވެ.

މިޖަރީމާތައް ހިންގާފައިވަނީ އެމެރިކާ ސިފައިންނާއި އެމެރިކާ ގެ މަރުކަޒީ ޖާސޫސީ އިދާރާ ސީއައިއޭގެ އެޖެންޓުންކަމަށް ވެސް ބުނެފައިވެ އެވެ. އެމެރިކާގެ ގުއަންޓެނާމޯ ޖަލަކީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އިންސާނުންނާ ދެކޮޅަށް މިހާ ފުޅާދާއިރާއެއްގައި ލާއިންސާނީ އަނިޔާތަކާއި ޖަރީމާތައް ހިންގާފައިވާ އެންމެ ބޮޑުޖަލެވެ. މީގެއިތުރުން އެމެރިކާގެ ކުރީގެ ހަރުކަށި ރައީސް ޖޯޖް ޑަބްލިޔު ބުޝްގެ އަނިޔާވެރި ވެރިކަމުގައި ދުނިޔޭގެ އެކިގައުމުތަކުގައި ސިއްރު ޖަލުތައް ގާއިމްކޮށްގެންވެސް ޝަރީއަތަކާނުލައި އެތަށް ހާސްބަޔަކު ހައްޔަރުކޮޮށް އިންސާނިއްޔަތާ ޚިލާފު އަނިޔާތައް އެމީހުންނާ ދެކޮޅަށް ހިންގާފައިވެ އެވެ.

އެމެރިކާ ސިފައިން އަސީރުންނަށް އަނިޔާ ކުރަނީ

އދ. ންވަނީ އަނިޔާކުރުމަށް އަމުރުކުރި އެމެރިކާގެ މަސްއޫލުވެރިން ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ޙާޒިރު ކުރަންޖެހޭނެ ކަމަށް ބުނެފަ އެވެ. އިންސާނީ ހައްގުތަކާބެހޭ އދ. ގެ ޚާއްސަ މުގައްރިރު ބެންއިމެރްސަން ވިދާޅުވީ ގުއަންޓެނާމޯ ޖަލުގައި ހައްޔަރުކޮށްފައިވާ އަސީރުންނަށް އަނިޔާކުރުމަށް އަމުރުކުރި އެމެރިކާގެ ކުރީގެ ރައީސް ޖޯޖްޑަބްލިޔުބުޝްގެ ސަރުކާރުގެ މަސްއޫލުވެރިންނާއި އެޖަރީމާތައް ހިންގުމުގައި އަމަލީގޮތުން ބައިވެރިވި އެމެރިކާގެ ޖާސޫސީ އިދާރާ ގެ މަސްއޫލުވެރިން އިންސާފުގެ ކުރިމައްޗަށް ޙާޒިރުކުރުމަށް ކުރަންޖެހޭ ދައުވާތައް ކުރުމަކީ ބައިނަލްއަގްވާމީ ގާނޫނު އެމެރިކާ ސަރުކާރަށް ލާޒިމްކުރާ ކަމެއް ކަމުގަ އެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާވަނީ ޖަލުމީހުންނާ ދެކޮޅަށް އެމެރިކާއިން ހިންގި މިއަނިޔާވެރި އަމަލުތަކަކީ މުޅި އެމެރިކާ ލަދުގަންނަންޖެހޭ އަނިޔާވެރި އަމަލުތަކެއް ކަމަށް ސިފަކުރައްވާފަ އެވެ. ނަމަވެސް މިއަނިޔާވެރި އަމަލުތައް ހިންގުމަށް އަމުރު ކުރެއްވި ކަމަށް ތުހުމަތު ކުރެވިފައިވާ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔުބުޝް އާއި ކުރީގެ ދިފާޢީ ވަޒީރު ޑޮނަލްޑް ރަމްސްފެލްޑާއި ސީއައިއޭގެ ވެރިޔާ ގެ މައްޗަށް އެމެރިކާގެ ޕްރޮސެކިއުޓަރ ޖެނެރަލް ދައުވާ އުފުލުމާބެހޭގޮތުން އޮބާމާ އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

އެމެރިކާގެ ރައީސުންނާއި އިސްވެރިންނަކީ ވެސް އެބޭފުޅުން ގެ ވެރިކަމުގައި ހިންގަވާ އަނިޔާވެރި އަމަލުތަކާ ގުޅިގެން އިންސާފުގެ ކުރިމައްޗަށް ޙާޒިރުކުރެވޭ ބައެއްނޫނެވެ. ނަމަވެސް މިއަށްވުރެ މާ އާދައިގެ ކަންކަމުގައިވެސް އިންސާނީ ހައްގުތަކުގެ ނަމުގައި ދުނިޔޭގެ ގައުމުތަކުގެ ވެރިންނާ ދެކޮޅަށް އެމެރިކާ އަޑުއުފުލަމުން ގެންދެ އެވެ. ސީއައިއޭގެ ވެރިޔާވަނީ އެޖަމާއަތުގެ އެޖެންޓުން ހިންގި އިންސާނިއްޔަތާ ޚިލާފު މިޖަރީމާތައް ދިފާއު ކުރައްވައި ވާހަކަ ދައްކަވާފަ އެވެ. (ނޫސްއެޖެންސީތައް)