ރާއްޖޭގެ އަސްލު އުފެއްދުމެއް އަންގައިދޭ ނިޝާން ފަރުމާކުރުމަށް ހުޅުވާލި ދެ ވަނަ ފުރުސަތުގައި ވެސް އެކަމަށް އެކަށީގެންވާ ތަރުހީބު ލިބިފައިނުވާތީ، ނިޝާން ފަރުމާކުރުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.

ޖެނުއިން މޯލްޑިވިއަން ޕްރޮޑަކްޓް ސެޓިފިކެޓް ލިބިފައިވާ އުފެއްދުންތައް ވިއްކާ އިރު އެކަން އަންގައިދޭ ލޯގޯއެއް ނުވަތަ ސީލެއް، އެ އުފެއްދުމެއްގައި ޖެހުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، "ޖެނުއިން މޯލްޑިވިއަން ޕްރޮޑަކްޓް" ލޯގޯ ޑިޒައިން ކުރުމަށް މިދިޔަ ދެ މަހުވެސް ހުޅުވާލި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، ނިޝާން ފަރުމާކުރުމަށް އަލުން ހުޅުވާލި ފުރުސަތުގެ ސުންގަޑި އަކީ އަންނަ މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 2:00 ކަމަށެވެ. އަދި ލޯގޯ ފަރުމާ ކުރުމުގައި ބަލަންވީ ކަންކަމާއި ގަވައިދާއި މުބާރާތުގައި ބައިވެރިވުމުގެ ފޯމް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ އުދެއްދުންތައް ކުރިއަރުވާ އިސްތިހާރުކޮށް ރާއްޖޭގެ އުފެއްދުންތަކަށް ހަމަ އަގު ލިބޭނެގޮތް ފަހިކުރުމުގެ ބޭނުމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ރާއްޖޭގެ އަސްލު އުފެއްދުމެއްކަން އަންގައިދިނުމަށް ޖަހާނެ ނިޝާން ފަރުމާކުރުމަށް ހުޅުވާލާ އެ މުބާރާތުން އެއް ވަނައަށްދާ ލޯގޯ، ޖެނުއިން މޯލްޑިވިއަން ޕްރޮޑަކްޓް ސެޓިފިކެޓް ދިނުމުގެ ސްކީމްގައި ބޭނުން ކުރުމުގެ އިތުރުން ލޯގޯ ހުށަހަޅާ މީހާއަށް 25000 ރުފިޔާގެ އިނާމެއް ލިބޭނެ އެވެ.