10 Dec 2014, 10:30
އެސްޓިއޯ ނޫފަހި ބ. އަތޮޅު ފުޓްބޯޅަ ޗެލެންޖް 2014 ގައި އޭދަފުއްޓާ ބައްދަލުކުރި ފައިނަލް މެޗު ކާމިޔާބުކޮށް ގޮއިދޫ ޓީމް މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.
އެ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި އެދަފުށި ޓީމް މައްޗަށް ގޮއިދޫ ޓީމުން ކުރި ހޯދާފައި ވަނީ 4-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ގޮއިދޫ ޓީމުން އެ ޓީމްގެ ފުރަތަމަތިން ލަނޑު ކާމިޔާބުކޮށްފައި ވަނީ މެޗުގެ ފުރަތަމަ ހާފްގައެވެ. ގޮއިދޫ ޓީމްގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ އަށް ވަނަ މިނެޓުގައި އެ ޓީމްގެ ހަސަން ސުޖާއު އެވެ. އަދި މެޗުގެ 26 ވަނަ މިނެޓުގައި ގޮއިދޫ ޓީމްގެ އިބްރާހިމް މާޖިދު އެ ޓީމަށް ލީޑު ފުޅާކޮށްދީފައި ވާއިރު، މެޗުގައި ގޮއިދޫ ޓީމްގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައި އެ ޓީމްގެ ހުސައިން ޝިފާހު އެވެ.
އެ މެޗުގައި އޭދަފުއްޓަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާލޭގެ ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބަށް ކުޅެމުން އަންނަ ކުޅުންތެރިއެއް ކަމަށްވާ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. އެ ލަނޑު އޭނާ އޭދަފުށި ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ ފުރިހަމަ ވަގުތު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. ނަމަވެސް ގޮއިދޫ ޓީމް ވަނީ ދެވަނަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައިވެސް ލަނޑެއް ކާމިޔާބު ކޮށްފައެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ގޮއިދޫ ޓީމްގެ އިބްރާހިމް މާޖިދު އެވެ.
އެ ނަތީޖާއާއެކު ގޮއިދޫ ޓީމް މުބާރާތުގެ ޗެންޕިއަންކަން ހޯދާފައި ވާއިރު، އެއީ އެ ޓީމް އެ މުބާރާތުގެ ޗެންޕިއަންކަން ހޯދި ދެވަނަ ފަހަރެވެ. މީގެ ކުރިން އެ ޓީމް އެ މުބާރާތުގެ ތަށި ކާމިޔާބުކުރީ 2012 ވަނަ އަހަރުގެ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިން އޭދަފުށި މައްޗަށް ކުރި ހޯދައިގެނެވެ.
މިދިޔަ އަހަރު އެ މުބާރާތް ކާމިޔާބު ކުރީ އޭދަފުށި ޓީމުންނެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލް މެޗުގައި ކެންދޫއާ ބައްދަލުކޮށް އޭދަފުށި ޓީމް މުބާރާތުގެ ތަށި ހޯދީ 7-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކެންދޫ މައްޗަށް ކުރި ހޯދައިގެނެވެ.
އޭދަފުށި ފިހާރައެއް ކަމަށްވާ ޔޫ ސްޕޯޓްސްއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ އެ މުބާރާތް ބާއްވާތާ މިއީ ތިން ވަނަ އަހަރެވެ. ބ. އަތޮޅުގެ ހުރިހާ ރަށްތަކަކަށް ހުޅުވާލައިން ކުރިއަށް ގެންދިޔާ އެ މުބާރާތުގައި މިފަހަރު އެ އަތޮޅުގެ ހަތް ރަށެއް ބައިވެރިވެފައި ވެއެވެ.