ކުރީގެ އެޓޯލްސް މިނިސްޓްރީގެ ޑިރެކްޓަރު އަދި މިހާރު ރައްޔިތުން މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ބ. އަތޮޅު ފިހާރައިގެ އިރުމަތީބަޔާއި އެ ފިހާރައިގެ ދެކުނު ފެންޑާ ކުޑަ އަގެއްގައި އޭނާ އާއި އޭނާގެ ކޮއްކޮ ހިއްސާވާ "ރެޑްވޭވް" ގެ ވިޔަފާރި ހިންގަން ކުއްޔަށް ދިން ކަމަށް ބުނާ މައްސަލަ ސަލީމްގެ މައްޗަށް ސާބިތުނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.

ސަރުކާރު ހިންގާ އެމްޑީޕީއާ ގުޅިގެން ކުރިޔަށްދާ ލޭބާ ޕާޓީގެ ރައީސް،، ރެޑްވޭވް ސަލީމާ ބެހޭ ގޮތުން އޭސީސީއަށް ހުށަހެޅި މައްސަލައިގައި ބުނަނީ ބ. އަތޮޅު ފިހާރައިގެ މާރާތް ކުއްޔަށް ހިފަން ގިނަ އަދެއްގެ ބަޔަކު ހުށަހަޅާފައި ވަނިކޮށް އެކަމަށް ކުރި އިއުލާން ސަލީމް ބާތިލުކޮށް ސަލީމާއި އޭނާގެ ކޮއްގެ ހިއްސާވާ ވިޔަފާރި، ރެޑްވޭވް ހިންގަން އެ އިމާރާތް ކުޑަ އަގެއްގައި ކުއްޔަށް ދީފައިވާ ކަމަށެވެ.

އޭސީސީން ބުނީ އެ މައްސަލަ ބެލި އިރު 37 ފަރާތަކުން އެ ފިހާރަ ކުއްޔަށް ހިފުމަށް އަގު ހުށަހަޅާފައި ވަނިކޮށް އެކަމަށް ކުރި އިއުލާން ބާތިލުކޮށްފައި ވަނީ ސަލީމްކަން ސާބިތުވާވަރުގެ ހެއްކެވެސް ގަރީނާއެއް ވެސް މައްސަލައާ ގުޅޭ ލިޔުންތަކުންނާއި ތަހުގީގުގައި ސުވާލު ކުރި މީހުންގެ ކިބައިން ލިބިފައި ނުވާ ކަމަށެވެ.

މީގެ އިތުރުން އޭސީސީން ބުނީ ފިހާރަ ކުއްޔަށް ދޫކުރަން ކުރި އިއުލާނާ ގުޅިގެން އަމަލުކޮށްފައި ވަނީ އެ ދުވަސްވަރު އަމަލު ކުރި "އަތޮޅު ފިހާރަތައް ކުއްޔަށް ދޫކުރުމާބެހޭ ގަވައިދާ" ހިލާފަށް ނޫންކަން ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.