10 Dec 2014, 09:44
އިންޑިއާގެ ވައިގެ ސިފައިންގެ މަތިންދާބޯޓްތަކުގައި ރާއްޖެ އަށް ބޯފެން ގެނައުމުގެ މަސައްކަތް އަލުން ފަށައިފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނީ ވައިގެ މަގުން ބޯފެން ގެނައުމުގެ މަސައްކަތް އަލުން ފެށީ ދިވެހި ސަރުކާރުން އެކަމަށް އެދުމުން ކަމަށެވެ. އެގޮތުން އަންނަ ފުރަތަމަ މަތިންދާބޯޓް މިއަދު މެންދު ފަހު 3.30ގައި އަންނާނެ ކަމަށް ވެސް ބުންޏެވެ. އަދި ބުނީ ފުޅީގައި ބަންދުކޮށްފައިވާ 55 ޓަނުގެ ފެން އެބޯޓުން ގެންނާނެ ކަމަށެވެ.
މާލެއަށް ކުރިމަތިވެފައިވާ ފެނުގެ ދަތިކަމާ ގުޅިގެން ރާއްޖެއަށް އެހީތެރިވުމަށް "އޮޕަރޭޝަން ނީރް"ގެ ނަމުގައި އިންޑިއާ ސިފައިން ކުރިއަށް ގެންދާ ހަރަކާތުގައި ރާއްޖެއަށް އައިސްފައިވާ އެގައުމުގެ ކަނޑުގެ ސިފައިންގެ މަނަވަރު އައިއެންއެސް ދީޕަކް، މާލޭ ބަނދަރުގައި އޮވެގެން އުފެއްދި 400 ޓަނުގެ ފެން ވެސް މިއަދު ދޫކުރަން ފަށާނެ އެވެ.
މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަނަށް ލިބުނު ގެއްލުންތަކާ ގުޅިގެން ކުރިމަތިވެފައިވާ ފެނުގެ ދަތިކަމުގައި އިންޑިއާގެ އިތުރުން ޗައިނާއާއި އެމެރިކާ އިން ވެސް އަންނަނީ ރާއްޖެއަށް އެހީތެރިވަމުންނެވެ. އެގޮތުން ޗައިނާގެ ކަނޑުގެ ސިފައިންގެ މަނަވަރެއް ވެސް މާލޭ ބަނދަރުގައި މިހާރު އެބަ އޮތެވެ.