ލަންޑަން (ޑިސެމްބަރު 10): އިސްރާއީލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ފުޅާދާއިރާއެއްގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަަމަށް އިންސާނީހައްގުތަކާ ބެހޭ އދ.ގެ ޖަމްއިއްޔާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ތުހުމަތުކޮށްފި އެވެ.

އެމްނެސްޓިން ބުނީ މި އަހަރުގެ މެދެއްހާ ހިސާބު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރި ފަންސާސް ދުވަހުގެ އުދުވާނީ ހަނގުރާމައިގާ އިސްރާއީލުން ޣައްޒާގެ މަދަނީ ތަންތަނަށް ގަސްދުގައި ޙަމަލާތައްދީ އާންމުން މަރައި ގެދޮރު ތަޅައި ސުންނާފަތިކޮށް ސްކޫލްތަކާއި ހޮސްޕިޓަލްތަކަށް ވެސް ގަސްދުގައި ހަމަލާތައް ދީ ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާ ކަމުގަ އެވެ. އިސްރާއީލުން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ހިންގި ފަންސާސް ދުވަހުގެ އުދުވާނީ ހަނގުރާމައިގާ އިސްރާއީލުން ފަލަސްތީނުގެ ދެހާސް ދުއިސައްތަ އެއްހާ މީހުން ޝަހީދުކޮށްލާފައިވާއިރު މީގެތެރޭގައި ގާތްގަނޑަކަށް ފަނަރަސަތޭކަ އާންމުން ހިމެނެ އެވެ. އަދި އިސްރާއީލުން ޝަހީދުކޮށްލި އާންމުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންކަން ވެސް އެމްނެސްޓީން ފާހަގަކޮށްފައިވެ އެވެ.

އިސްރާއީލުގެ އުދުވާނަށް ރައްދު ދިނުމުގެ ގޮތުން ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން އިސްރާއީލަށް ދިން ޙަމަލާތަކުގައި މަރުވެފައިވަނީ އިސްރާއީލު ސިފައިންގެ ފަސްދޮޅަސް ހަތްމީހުންނާއި އާންމުންގެ ހަ މީހުންނެވެ. ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާއަތް ވުޖޫދުން ފުހެލުމުގެ މަގްސަދުގައި އިސްރާއީލުން ފެށި މިހަނގުރާމަ 50 ދުވަހަށް ފަހު ހަނގުރާމަ ހުއްޓާލަން ޖެހުނީ މިމަގްސަދު ޙާސިލްނުވެ އަސްކަރީގޮތުންނާއި ސިޔާސީގޮތުން އިސްރާއީލަށް ބޮޑެތި ނާކާމިޔާބީ ތަކަކާ ކުރިމަތިވެގެންނެވެ.

މިއުދުވާނާ ބެހޭ ގޮތުން އެމްނެސްޓީން ނެރުނު ރިޕޯޓްގައިވާ ގޮތުން އިސްރާއީލުން ވަނީ ޣައްޒާގެ އާންމުންގެ ގެދޮރަށާއި މިސްކިތްތަކަށާއި ހޮސްޕިޓަލް ތަކަށާއި ސުކޫލްތަކަށް ގަސްދުގައި ހަމަލާދީ ހަނގުރާމައިގެ ޖަރީމާތައް ވަރަށް ފުޅާދާއިރާއެއްގައި ހިންގާފަ އެވެ. އެހެންކަމުން މިޖަރީމާތައް ބައިނަލްއަގަވާމީ ގޮތުން ތަހްގީގްކޮށް އެޖަރީމާތަކުގެ ފަހަތުގައިވާ އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ވެރިންގެ މައްޗަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގައި ދައުވާ އުފުލަންޖެހޭކަންވެސް އެމްނެސްޓީގެ ފާހަގަކޮށްފައިވެ އެވެ.

50 ދުވަހުގެ އުދުވާނުގައި ފަލަސްތީނުގެ އާންމުން ގެދޮރުގެ ތެރެއިން ވިހިހާސްގެ އިސްރާއީލުން ވަނީ ގަސްދުގައި ހަމަލާދީ މުޅިން ސުންނާފަތިކޮށްލާފަ އެވެ. އަދި ޣައްޒާގެ ސްކޫލްތަކަށާއި ހޮސްޕިޓަލްތަކަށާއި އޮފީސްތަކަށްވެސް ޙަމަލާތައް ދީފައިވެ އެވެ.

ޣައްޒާގެ އާންމުންގެ ގެދޮރަށާއި މަދަނީ ތަންތަނަށް ޙަމަލާދިނީ އެތަންތަނުގައި ތިބެގެން ފަލަސްތީނުގެ މުޖާހިދުން އިސްރާއީލަށް ރޮކެޓް ޙަމަލާތައް ދޭތީ ކަމަށް އިސްރާއީލު ބުނި ނަމަވެސް މިކަމުގެ ހެއްކެތް އިސްރާއީލަށް ދެއްކިފައިނުވާ ކަމަށްވެސް އެމްނެސްޓީގެ ރިޕޯޓް ބުނެ އެވެ. އިސްރާއީލުން ވަނީ އެމްނެސްޓީގެ ރިޕޯޓަކީ ވަކިކޮޅަކަށް ޖެހިފައިވާ ރިޕޯޓެއް ކަމަށްބުނެ މިރިޕޯޓަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އަދި އިސްރާއީލުން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ހަނގުރާމައިގެ ޖަރީމާތައް މުސްތަގިއްލު ގޮތެއްގައި ތަހްގީގް ކުރުމަށް އެއްބާރުލުން ނުދޭނެކަމުގެ އިންޒާރުވެސް އިސްރާއީލުގެ އަނިޔާވެރި ހަރުކަށި ވެރިން ވަނީ ދެއްވާފަ އެވެ. (އަލްޖަޒީރާ)