10 Dec 2014, 01:22
އިންގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓަޑާއި ސައުތޭމްޕްޓަން ބައްދަލުކުރި މެޗުގައި ޔުނައިޓަޑް ވަރަށް ނަސީބު ގަދަ ކަމަށާއި، އެ މެޗުގައި ރަނގަޅަށް ކުޅުނީ ސައުތޭމްޕްޓަން ކަމަށް މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗް ލުއިސް ވެން ހާލް ބުނެފިއެވެ.
ރޭގެ މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ވެން ހާލް ބުނީ ފުރަތަމަ ހާފްގައި ޔުނައިޓަޑްގެ ކުޅުންތެރިންގެ އަތުން ބޯޅަ ގެއްލިގެންދިޔަލެއް ގިނަ ކަމަށާއި، ޔުނައިޓަޑްގެ ކުޅުންތެރިންގެ ޕޮޒިޝަނަލް ޕްލޭ ވަރަށް ދަށް ކަމަށެވެ. އަދި ސައުތޭމްޕްޓަންއަށް އެ ހާފްގައި ލިބުނު ގިނަ ފުރުސަތުތައް ލިބިފައި ވަނީ ޔުނައިޓަޑް އަތުން ގެއްލުނު ބޯޅަތަކުން ކަމަށާއި، މެޗުން މޮޅިވި ނަމަވެސް އެފަދަ ކަންކަން މެޗުގެ ތެރެއިން ފެނިގެން ދިޔުމަކީ ރަނގަޅުކަމެއް ނޫންކަމަށް އޭނާ ބުންޏެވެ.
"ރޭގެ މެޗުގައި ކުޅުންތެރިންގެ ބޯލް ކޮންފިޑެންސް ވަރަށް ދަށް ކަމަށް ފާހަގަ ކުރެވުނު. އެވާހަކަ ހާފްޓައިމްގައި ކުޅުންތެރިންކައިރީ އަހަރެން ދެއްކިން. ދެވަނަ ހާފްގައި ކުޅުންތެރިން ކުޅުން ރަނގަޅު ކުރި. ނަމަވެސް މުޅި މެޗަށް ބަލާއިރު މޮޅަށް ކުޅެފައި ވަނީ ސައުތޭމްޕްޓަން،" ވެން ހާލް ބުންޏެވެ.
ރޭގެ މެޗުގައި ޔުނައިޓަޑަށް ފުރަތަމަ ލީޑު ހޯދަދިން ވެން ޕާސީގެ ލަނޑާ ބެހޭގޮތުން ވާހަކަދައްކަމުން އޭނާ ބުނީ އެ ލަނޑު ވަރަށް ރީތި ކަމަށާއި، ނަމަވެސް އެއީ ސައުތޭމްޕްޓަންގެ ފަރާތުން ޔުނައިޓަޑަށް ލިބުނު ހަދިޔާއެއް ކަމަށެވެ.
"ވެން ޕާސީ ކާމިޔާބު ކުރި ފުރަތަމަ ލަނޑުގައި އަހަރެން ހީކުރީ ސައުތޭމްޕްޓަންގެ ކީޕަރު ނިކުންނާނެ ކަމަށް. ނަމަވެސް އޭނާ އިހުތިޔާރުކުރީ ނުނިކުންނަން. ވެން ޕާސީ އެ ލަނޑު ކާމިޔާބުކުރީ ވަރަށް ރީތި ގޮތަކަށް. އެއީ ސައުތޭމްޕްޓަމްގެ ފަރާތުން ޔުނައިޓަޑަށް ލިބުނު ހަދިޔާއެއް. ޔުނައިޓަޑް މި މެޗުގައި ވަރަށް ނަސީބުގަދަ،" އޭނާ ބުންޏެވެ.
ރޭގެ މެޗުގައި ޔުނައިޓަޑަށް ކާމިޔާބު ކުރެވުނު ފުރަތަމަ ލަނޑު، ވެން ޕާސީ އެ ޓީމަށް ކާމިޔާބު ކޮށްދިނީ ސައުތޭމްޕްޓަންގެ ޑިފެންޑަރު ޖޯސޭ ފޮންޓޭއަށް ހެދުނު ގޯހަކުން އޭނާ އަތުން ބޯޅަ ގެއްލުމުން އެކަމުގެ ބޭނުން ހިފައިގެނެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ސައުތޭމްޕްޓަން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގައި ޔުނައިޓަޑަށް ދެވަނަ ފަހަރަށް ލީޑު ލިބިފައި ވަނީ ދެވަނަ ހާފްގައި ވެން ޕާސީ މެޗުގައި ކާމިޔާބުކުރި އޭނާގެ ދެވަނަ ލަނޑާއެކުއެވެ.
އެ މެޗުގެ ނަތީޖާއާއެކު އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓަޑް ވަނީ 28 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައަށް ޖެހިލާފައެވެ. ނަމަވެސް ތާވަލްގެ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި އެ ޓީމާ ދެމެދު އަދިވެސް ފަސް ޕޮއިންޓުގެ ފަރަގެއް ވެއެވެ.