މާލޭގައި ފެން ދޫކުރާ ސަރަހައްދުތަކާއި ފެން ދޫކުރާ ވެހިކަލްތައް އުޅޭ ސަރަހައްދުތައް ވަގުތުން ބަލާލެވޭއެޕްލިކޭޝަނަކާއިވެބްސައިޓެއް، ސޮފްޓްވެއާ ޑިވެލޮޕްމެންޓް ޕްރޮމޯޓު ކުރާ އޯގަނައިޒޭޝަނެއް ކަމަށްވާ "ކިކްސްޓާޓް"އިން އުފައްދައިފި އެވެ.

ފެން ކުންފުނި، އެމްޑަބްލިއުއެސްސީގައި އަލިފާން ރޯވެ މާލެއިން ފެން ކެނޑުމާ ގުޅިގެން ސަލާމަތީ ބާރުތަކުންނާއި އާންމުންގެ ފަރާތުން ފެން ދޫކުރާ ތަންތަނުގެ މައުލޫމާތު އެ އެޕްލިކޭޝަން އާއި ވެބްސައިޓް ލިބެން ހުރެ އެވެ.

ކިކްސްޓާޓް އިން އުފެއްދިއެޕްލިކޭޝަނާއިވެބްސައިޓް މެދުވެރިކޮށް ފެން ހޯދުމުގައި އެހީތެރިކަމަށް އެދެވޭނެ އެވެ. އަދި ފެން ދޫކުރާ ސަރަހައްދެއްގައި މައްސަލައެއް ޖެހިއްޖެނަމަ އެކަން ރިޕޯޓު ކުރެވޭނެ އެވެ. މާލެ ފެނަށް ޖެހުމުން، ހިނގަމުންދާ ހާދިސާތަކުގެ މައުލޫމާތު ވަގުތުން "އަޕްޑޭޓް" ވުމަށްޓަކައި ޓްވިޓާ ފީޑެއް ވެސް އެ އެޕްލިކޭޝަނާއި ވެބްސައިޓުގައި ވެސް ހިމެނެ އެވެ.

ފެން ހޯދުމަށް އެހީތެރިވެދޭ އެޕްލިކޭޝަނުން ފެން ލިބޭ ސަރަހައްދުތައް ވަގުތުން ބަލާލެވޭނެ-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ކިކްސްޓާޓް އިން ވަނީ ދިރާގާ ގުޅިގެން ފެން ލިބޭނެ ތަންތަނުގެ މައުލޫމާތު އިތުރަށް ފަސޭހައިން ލިބޭނެ މަގުތަކެއް ތަނަވަސް ކޮށްފަ އެވެ. އެގޮތުން ވަގުތުން ފެން ލިބޭނެ ހުރި ތަންތަނާއި ފެން ދޫކުރާ ސަރަހައްދުތަކުގެ ތެރެއިން ކިއުއެއް ނެތް ސަރަހައްދުތަކުގެ މައުލޫމާތު އެސްއެމްއެސް މެދުވެރިކޮށް ވަގުތުން ލިބޭނެ ގޮތް ދިރާގާއި އުރިީދޫ އާއި ކިކްސްޓާޓުން ވަނީ ތަނަވަސްކޮށްދީފަ އެވެ. އެގޮތުން ފެން ލިބޭނެ ސަރަހައްދުތަކުގެ މައުލޫމާތު ހޯދުމަށް ދިރާގާއި އުރީދޫ ކަސްޓަމަރުން އިނގިރޭސީ ބަހުން "ހެލްޕު" ޖެހުމަށްފަހު 511 އަށް އެސްއެމްސް ކުރައްވާށެވެ.

ކިކްސްޓާޓް އޯގަނައިޒޭޝަންގެ ޑިވެލޮޕާ ނަސްރުﷲ އަދުނާން (ނައްޓު) "ސަން"އަށް މިރޭ ވިދާޅުވީ ޓެކްނޮލޮޖީގެ އެހީގައި މާލެ ފެނަށް ޖެހިފައިވާ މީހުންނަށް އެހީތެރިވުުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެ އޮގަނައިޒޭޝަނުން އުފައްދާފައިވާ އެޕްލިކޭޝަން އިތުރަށް ތަރައްގީކުރުމަށް ގިނަ ބަޔަކާ ވާހަކަ ދައްކަމުންދާ ކަމަށް ނައްޓު ވިދާޅުވި އެވެ.

"އެޕް އިތުރަށް ޑެވެލޮޕް ކުރަމުން އަޅުގަނޑުމެން މިދަނީ. އައު ކަންތައްތައް އެއަށް އެއް ކުރަމުން. އަޅުގަނޑުމެން މަސައްކަތް މިކުރަނީ ގިނަ ބަޔާ އެއްވެގެން. ގިނަ ބަޔަކާ ވާހަކަ ދައްކައިގެން އަޅުގަނޑުމެން މި ބަލަނީ އާންމުންނަށް ވީހާވެސް ފަސޭހަކޮށް ޓެކްނޮލޮޖީގެ އެހީގައި ފެނަށް ދިމާވެފައިވާ މައްސަލައަށް ފަސޭހަ ހައްލުތަކެއް ހޯދައިދެވޭތޯ." ނައްޓު ވިދާޅުވި އެވެ.