ކުޅިވަރުގައި ރަނގަޅު ކުޅުމެއް ދެއްކުމަށް ބޭނުންކުރާ ބޭހަށް ކުރި ޓެސްޓތަކުގައި މެސީގެ ސާމްޕަލްތައް ޕޮސިޓިވް ނޫވާކަމަށް ސްޕެއިންގެ ކުޅިވަރު ސިއްހަތާ ބެހޭ އިދާރާ (އޭއީޕީއެސްއޭޑީ) އިން ބުނެފިއެވެ.

އެ އިދާރާއިން އެހެން ބުނީ، އިއްޔެ ކުރި ޓެސްޓުތަކުގައި އެހެން ކުޅުންތެރިންނާއި އޭނައާ މެދު ތަފާތުކުރިކަމަށް މެސީ ބުނެފައި ވަނިކޮށެވެ. އެކަމާ ގުޅޭގޮތުން އެ އިދާރާއިން ބުނީ މެސީއާ މެދު އިއްޔެ އަމަލުކޮށްފައި ވަނީ އެ އިދާރާއިން އަބަދުވެސް އަމަލުކުރާ އުސޫލުން ކަމަށާއި، ކޮންމެ ހަފްތާއަކުވެސް އެ އިދާރާއިން އެކަން ކުރާ ކަމަށެވެ.

"އިއްޔެ މެސީ އާމެދު މި އިދާރާއިން ކަންކުރީ އަޅުގަނޑުމެން އަބަދުވެސް ކަންކުރާ އުސޫލުން. ޓެސްޓުކުރަން ހޮވާލާ ފަސް ކުުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއެއްގެ ލޭގެ ސާމްޕަލް އާއި ކުޑަކަމުދާ ތަކެތި އަޅުގަނޑުމެން އަބަދުވެސް ނަގަން. މެސީގެ އިތުުރުން އަޅުގަނޑުމެން މި އަހަރުތެރޭ ސްޕެއިންގެ އެތައް ކުޅިވަރު ކުޅުންތެރިންނެއް ޓެސްޓު ކޮށްފިން. މިފަހަރު ކުރި ޓެސްޓުތަކުގައި މެސީ އެއްވެސް ކަހަލަ ބޭހަކަށް ޕޮސިޓިވްއެއް ނުވޭ،" އޭއީޕީއެސްއޭޑީ އިން ބުންޏެވެ.

އިއްޔެ ބޭއްވި ބަސާގެ ތަމްރީނުތަކުގެ ކުރިން ޔޫއެފާ އާއި އޭއީޕީއެސްއޭޑީ ގުޅިގެން ކުރިއަށް ގެންދިޔަ އެ ޓެސްޓުތަކުގައި މެސީގެ އިތުރުން ބާސާގެ އެންޑްރިއަސް އިނިއެސްޓާ އާއި އައިވަން ރަކިޓިކް، ކްލައުޑިއޯ ބްރާވޯ އަދި ޖޯޑީ އަލްބާވެސް ހިމެނެއެވެ. އެ ފަސް ކުޅުންތެރިންގެ ތެރެއިން ކުޑަކަމުދާ ތަކެއްޗާއި ލޭގެ ސާމްޕަލް ނެގީ މެސީގެ ފަރާތުން އެކަންޏެވެ. އެކަމާ ގުޅިގެން އިއްޔެ ކުރި އިންސްޓަގްރާމް މެސެޖެއްގައި މެސީ ވަނީ އެއީ އާދަޔާ ޚިލާފުކަމެއްތޯ ސުވާލު އުފައްދާފައެވެ.

ޕާފޯމެންސް އެންހޭންސިންގް ޑްރަގްސް' އަށް ކުޅިވަރު ކުޅުންތެރިން ޓެސްޓުކުރުމަކީ ގިނަ ގައުމުތަކެއްގައި އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ. އަދި މަތީ ފަންތީގެ ކުޅިވަރު ކުޅުންތެރިން ކުޅޭ ބޮޑެތި މުބާރާތްތަކުގައި އެފަދަ ޓެސްޓުތައް ކުރިއަށް ގެންދިޔުމަކީ އެ މުބާރާތްތަކުގެ ގަވައިދުގައި ކަނޑަ އަޅާފައި ހުންނަ ކަންކަމެވެ.