ކޮނޑޭ އައިލެންޑް ސޮސައިޓީ ފޯ ސްޕޯޓްސް އެވެއާނެސް ރެކްރިއޭޝަން ޔުނިޓީ (ކިއްސަރު) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ކިއްސަރު ފުޓްސަލް މުބާރާތުގެ ފައިނަލުން ސްޕޯޓްސް ކްލަބް ބަފާނާ އާއި އޭޖާސް ޔުނައިޓަޑް ޖާގަ ހޯދައިފިއެވެ.

ސްޕޯޓްސް ކްލަބު ބަފާނާ އިން މި މުބާރާތުގެ ފައިނަލަށް ދަތުރުކުރީ އިއްޔެ ކުޅުނު ސެމީފައިނަލް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ޕިންކް ބޯއީސްއާ ބައްދަލުކޮށް 4-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެނެވެ.

އޭޖާސް ޔުނައިޓަޑްގެ ކުޅުންތެރިންނާއި އޮފިޝަލުން---- ފޮޓޯ: އަބްދުﷲ ކިނާނަތު
އެ މެޗުގައި ސްޕޯޓްސް ކްލަބު ބަފާނާގެ މުހައްމަދު އިމްތިޔާޒް އަހުމަދު އާއި އަބްދުއްރަހްމާން އިބްރާހިމް ކުރެ ކޮންމެ ކުޅުންތެރިއަކު ވަނީ އެ ޓީމަށް ދެ ލަނޑު ކާމިޔާބު ކޮށްދީފައެވެ. މެޗުގައި ޕިންކް ބޯއީސްއަށް ކާމިޔާބުކުރެވުނު ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ އަލީ އިކްރާމް އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ސްޕޯޓްސް ކްލަބް ބަފާނާގެ އަބްދުއް ރަހުމާނު އިބްރާހިމް އެވެ.

އޭޖާސް ޔުނައިޓަޑް ވެސް މި މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ އެ ޓީމް ކުޅުނު ސެމީފައިނަލް މެޗުގައި، ސެމީ ފައިނަލް ފުރަތަމަ މެޗުން ބަލިވި އެންމެފަހުގެ ޗެމްޕިއަން ޕިންކް ބޯއީސް އަތުން ކުރި ހޯދައިގެނެވެ. އިއްޔެ ކުޅުނު ދެވަނަ ސެމީގައި މި ދެ ޓީމް ބައްދަލުކުރި މެޗު، އޭޖާސް ކާމިޔާބުކޮށްފައި ވަނީ 3-2 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި އޭޖާސްގެ އަބްދުﷲ ޝިނާހު އެ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދީފައި ވާއިރު، އެ ޓީމްގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ޖަމްޝާދު ރާމިޒު އެވެ. އެ މެޗުގައި ޕިންކް ބޯއީސްއަށް ކާމިޔާބުކުރެވުނު ދެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިން ކުޅުންތެރިންނަކީ ނަސްރު މުހައްމަދު ދީދީ އާއި އަހުމަދު ނާހިދު އެވެ. އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އޭޖާސްގެ އަބްދުﷲ ޝިނާހު އެވެ.
ސްޕޯޓްސް ކްލަބު ބަފާނާގެ ކުޅުންތެރިންނާއި އޮފިޝަލުން---- ފޮޓޯ: އަބްދުﷲ ކިނާނަތު
ހުކުރު ދުވަހުން ފެށިގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ މިއަދު ހަވީރުއެވެ. 2002 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ކޮނޑޭގައި ބާއްވަމުން އަންނަ އެ މުބާރާތުގައި މިއަހަރު އަތޮޅުތެރޭގެ ހުރިހާ ރަށްރަށަށާއި ސިނާއީ މަސައްކަތް ކުރާ ރަށްރަށާއި ރިސޯޓުތަކަށް ދައުވަތު ދިންނަމަވެސް ވާދަކޮށްފައި ވަނީ ކޮނޑޭގެ ފަސް ޓީމެކެވެ.
ޕިންކް ބޯއީސްގެ ކުޅުންތެރިންނާއި އޮފިޝަލުން ---- ފޮޓޯ: އަބްދުﷲ ކިނާނަތު