10 Dec 2014, 00:29
ކޮރަޕްޝަނަކީ ޖުމްހޫރިއްޔަތަށް ހުރި ނުރައްކަލެއް ކަމަށާއި، އޭގެ ސަބަބުން ޢަދުލު އިންސާފުގެ ހަމަތައް ގެއްލޭ ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަޤުވާމީ އެންޓި-ކޮރަޕްޝަންގެ ދުވަހުގެ މުނާސަބަތުގައި އޭސީސީން ނެރޭ ސަޕްލިމެންޓަށް ދެއްވި ޚާއްޞަ ޚިޠާބުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވެފައި ވަނީ ކޮރަޕްޝަނުގެ ނުރައްކާތެރިކަމުގެ ސަބަބުން ޤާނޫނުގެ ވެރިކަން ނެތިގެންދާނެ ކަމަށެވެ.
ޝަރުޢީ ދާއިރާގައި މަސައްކަތް ކުރައްވާ ކޮންމެ ހިދުމަތްތެރިއަކީ ނަޒާހަތްތެރިއަކަށް ވާންޖެހޭނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
"ކޮރަޕްޝަނާއި ދެކޮޅަށް ތެދުވެ ކޮރަޕްޝަން ހުއްޓުވުމަށް ޤާނޫނާއި ގަވާއިދުގެ އެހީގައި މަސައްކަތްކުރުމަކީ މުޖުތަމަޢުގެ ވަކިވަކި އާންމު ފަރުދުންނާއި ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެ އިތުރުން ޝަރުޢީ ދާއިރާއިން ނަގަހައްޓަންޖެހޭ ބޮޑު ޒިންމާއެއްވާކަމީ ޝައްކެއް ނެތް ކަމެއް ކަމަށާއި، ޚާއްޞަ ގޮތެއްގައި ޝަރުޢީ ދާއިރާގެ ޒިންމާ ބޮޑު ކަމަށާއި، ކޮންމެ ޙާލަތެއްގައި ވިޔަސް، ކުރާ ކޮންމެ ކަމެއްގައި ތެދުވެރިކަމާއެކު ކުރުމަކީ ނަޒާހަތްތެރިވުން،" އުއްތަމަ ފަނޑިޔާރުގެ ހިތާބުގައި ވަނީ ވިދާޅުވެފައިވެ އެވެ.
ޝަރުޢީ ދާއިރާއަކީ ކޮރަޕްޝަނުގެ ނުފޫޒުން އެއްކިބާވެފައިވާ، މިނިވަން އިންސާފުވެރި މުއައްސަސާއެއްގެ ގޮތުގައި ދެމި އޮތުމަށްޓަކައި ޝަރުޢީ ދާއިރާގައި މަސައްކަތްކުރައްވާ ވަކިވަކި ބޭފުޅުންގެ ޒިންމާ ބޮޑު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެގޮތުން އިންޞާފު ހޯދުމަށް ޝަރުޢީ މުއައްސަސާތަކުގައި ޓަކިޖައްސަވާ ކޮންމެ ރައްޔިތެއްގެ މުރާދު ފުރިހަމަ ކޮށްދެއްވުމަކީ ޝަރުޢީ ދާއިރާގެ އަމާޒު ކަމުގައި ހައްދަވަންޖެހޭ ކަމަށް އެމަނިކުފާނުގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ.