ޕެކްޓްގައި ނަޓް ސާވު ކުރި މައްސަލަ ހޫނުވެ، ކޮރެއަން އެއާގެ ވައިސް ޕްރެޒިޑެންޓް ހީތާ ޗައު އިސްތިއުފާ ދެއްވައިފި އެވެ.

"އަޅުގަނޑަށް މައާފު ކުރައްވާ އަޅުގަނޑުގެ ސަބަބުން ކަސްޓަމަރުންނާއި ސައުތު ކޮރެއާގެ ރައްޔިތުން އުފުއްލަވަން ޖެހުނު ތަކުލީފަށް ޓަކައި. އަދި އަޅުގަނޑާ ހުރެ ހިތްދަތިކަން ލިބުނު އެންމެ ބޭފުޅުންގެ ފަރާތުން މައާފަށް އެދެން،" ޗޯ މިއަދު ނެރުނު ސްޓޭޓްމަންޓާ ހަވާލާދީ އޭއެފްޕީ އިން ބުންޏެވެ.

"އަހަރެން ކޮރެއަން އެއާގެ އަދާ ކުރާ ހުރިހާ ވަޒީފާތަކުން އިސްތިއުފާދޭނަން، އަދި އަހަރެންގެ ފުށުން ދިމާވި ކަންކަމުގެ ޒިންމާ އުފުލާނަން." އިން ފްލައިޓް ސުޕަވައިޒު ކުރުމުގެ ޒިންމާ އަދާ ކުރައްވާ ޗޯ ވިދާޅުވި އެވެ.

ސާޅީ އަހަރުގެ ޗޯ އަކީ ކޮރެއަން އެއާގެ ސީއީއޯ، ޗޯ ޔަންގް ހޯގެ ތިން ކުދިންގެ ތެރެއިން ދޮށީ މީހާ އެވެ.

ނިއުޔޯކްގެ ޖޯން އޮފް ކެނެޑީ އެއާޕޯޓުން ކޮރެއަން އެއާ ފުރަން އުޅެނިކޮށް އެ ބޯޓުގެ ފަސްޓް ކުލާހުގައި އިން ޗޯ ވަނީ ފްލައިޓް އެޓެންޑަކު ތައްޓަށް އެޅުމުގެ ބަދަލުގައި އޭނާ އަށް ޕެކެޓްގައި ނަޓް ސާވު ކުރި މައްސަލަ ޖައްސައިފަ އެވެ. އަދި ބޯޓް އަލުން ބޯޑިން ގޭޓާ ގާތްކޮށް ފްލައިޓް އެޓެންޑް ބާލައިފަ އެވެ.

އެކަމުގެ ސަބަބުން އެ ބޯޓުގެ ޑެސްޓިނޭޝަނަށް އާދެވުނީ 11 މިނިޓް ފަހުންނެވެ.

އެ މައްސަލަ ކޮރެއާގައި ހޫނުވި އެވެ. އަދި ފާރަވެރިން ބުނީ ބޯޓެއް ފުރަން ތައްޔާރުވުމަށް ފަހު އަނބުރާ ބޯޑިން ގޭޓަށް އަލުން ކައިރި ކުރަން ޖެހޭނީ ބޯޓުގައި ޓެކްނިކަލް މައްސަލައެއް ދިމާވެގެން ނޫނީ، ފަސިންޖަރުންގެ ސަލާމަތަށް ނުރައްކާވާ ފަދަ މައްސަލައެއް ދިމާވުން ކަމަށެވެ.

ކޮރެއަން އެއާ އިން އާންމު ކުރި ބަޔާނެއްގައި ބުނީ ޗޯގެ ބައްޕަ އޭނާގެ އިސްތިއުފާ ވަގުތުން ގަބޫލުކޮށްފައިވާ ކަމަށެވެ.

ކޮރެއަން އެއާގެ ތަރުޖަމާނާ ހަވާލާދީ އޭއެފްޕީ އިން ބުނީ ޗޯ އިސްތިއުފާ ދެއްވި ނަމަވެސް އޭނާ ހުންނާނީ ވައިސް ޕްރެޒިޑެންޓްގެ ޓައިޓަލްގައި ކަމަށެވެ. ނަމަވެސް އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރާނެ ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ.

ޗޯ އިސްތިއުފާ ދެއްވުމުގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލު ވިދާޅުވީ ޗޯގެ އަމަލަކީ އެހެން ފަސިންޖަރުންގެ ކަރާމާތަށް އުނިކަން އަންނާނެ ކަމެއް ކަމަށާއި އެ މައްސަލަ ބަލާނެ ކަމަށެވެ.

ޗޯ، އެންމާބަނޑު ދެކުދިން ވިހަން މިދިޔަ އަހަރު ހަވާއީ އަށް ދިޔަ މައްސަލާގައި ޗޯ އަށް ކޮރެއާގައި ފާޑުކިޔުންތައް ވެސް ކުރިން ރައްދުވި އެވެ.

އޭނާ ކޮރެއަން އެއާ އާ ގުޅުނީ 1999 ވަނަ އަހަރު އެވެ. އަދި ވައިސް ޕްރެޒިޑެންޓްގެ މަގާމަށް ޕްރޮމޯޓްވީ މި އަހަރު އެވެ.