ކެންޑިޑޭޓެއްގެ ނަން ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެއްގެ ޝަރީއަތުގެ މަޖިލީހުގެ އެއްވެސް ވާހަކައެއް މީޑިޔާއަށް ހާމަ ނުކުރުމަށް ސުޕްރީމް ކޯޓުން ނޫސްވެރިއަކަށް އެންގުމާ ގުޅިގެން، ނޫސްވެރިންގެ މިނިވަން ކަމަށް ގޮވާލާ ދެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ނޫސްވެރިންގެ މިނިވަން ކަމަށް ވަކާލާތުކޮށް، އަޑު އުފުލާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން ]އެމްޖޭއޭ[ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި، ބުނެފައި ވަނީ ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓެއްގެ ނަން ބާތިލް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެއްގެ ޝަރީއަތުގެ މަޖިލީހުގެ އެއްވެސް ވާހަކައެއް މީޑިއާގައި ހާމަ ނުކުރުމަށް ސުޕްރީމް ކޯޓުން ނޫސްވެރިޔަކަށް އެންގުމަކީ ގާނޫނު އަސާސީން، މައުލޫމާތު ފަތުރައި ހިޔާލުފާޅުކުރުމަށް ލިބިދޭ މިނިވަން ކަމަށް އުނިކަން ލިބޭ ފަދަ ކަމެއް ކަމަށެވެ.

އެމްޖޭއޭގެ ނޫސްބަޔާނުގައި އިތުރަށް ބުނަނީ ގާނޫނު އަސާސީން އެކަށައަޅާފައިވާ، ސިއްރުން ބޭއްވިދާނެ ޝަރީއަތުގެ މަޖިލީހަށް އެ ޝަރީއަތް ނުވެ، އަދި އެ ޝަރީއަތުގައި ދައުވާ ލިބުނު، ފަރާތުގެ އެދުމުގެ މަތީން އެ ވާހަކަތައް މީޑިއާގައި އާންމު ނުކުރުމަށް ސުޕްރީމް ކޯޓުން އެންގި އެންގުމަކީ އެ ޖަމިއްޔާ އިން ވަކިން ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެ މައްސަލާގައި ނޫސްވެރިންގެ ގައުމީ ޖަމްއިއްޔާ (އެމްއެންޖޭ) އިން ނެރުނު ނޫސްބަޔާނުގައި ބުނަނީ ސުޕްރީމް ކޯޓުން ނޫސްވެރިޔަކަށް އެންގި އެންގުމަކީ މީޑިޔާގެ ކަރާމާތް، ގެއްލިގެން ދާ އަމަލެއް ކަމަށެވެ.

އެމްއެންޖޭއިން މިއަދު އާންމުކުރި ބަޔާނެއްގައި ބުނަނީ ރާއްޖޭގެ މީޑިޔާ ތަރައްގީވެ ފައްކާވަމުން އަންނަ މި ދަޑިވަޅުގައި މީޑިޔާއަށް ސުޕްރީމް ކޯޓުން އަމުރު ކުރި އެ އަމުރު ކުރުމަކީ ވަރަށް ނާތްހުޒީބީ އަމަލެއް ކަމަށާއި މީޑިޔާއިން އަދާކުރަމުން އަންނަ ރޯލަކީ މީޑިޔާތަކުގެ ގާނޫނީ ޒިންމާއެއް ކަމަށެވެ. އަދި އެ ބަޔާނުގައި އެމްއެންޖޭ އިން ވަނީ މީޑިޔާގެ ޒިންމާ އަދާކުރުމުގައި ހުރަސް ނޭޅުމަށް ސުޕްރީމް ކޯޓަށް އިލްތިމާސްކޮށްފަ އެވެ.

ސުޕްރީމް ކޯޓުން އިއްޔެ ބުނެފައިވަނީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި ޝަރީޢަތުގެ މަޖިލީހެއްގައި ދެއްކި ވާހަކަތައް، މީޑިއާގައި ހާމަނުކުރުމަށް ސުޕްރީމް ކޯޓުން އެންގެވި ނަމަވެސް ސުޕްރީމް ކޯޓުގެ ޕޮލިސީއަކީ ޝަރީއަތްތައް މީޑީއާގައި އާންމު ކުރުމުގެ ފުރުސަތު ދިނުން ކަމަށެވެ. އަދި ބުނީ މައްސަލައެއްގައި ހިމެނޭ ހަސްމެއްގެ އިއްޒަތާއި ކަރާމާތަށް އުނިކަން އަންނާނެ ކަމަށް އެ ޚަޞްމަކަށް ޤަބޫލުކުރެވިގެން ސުޕްރީމް ކޯޓުގައި ހިނގާ މައްސަލައެއްގެ ތަފްޞީލު މީޑިއާގައި ހާމަނުކުރުމަށް އެދިއްޖެ ނަމަ، މައްސަލައިގެ ބާވަތާއި ޠަބީޢަތަށް ރިޢާޔަތްކޮށް، އެ ތަފްޞީލުތައް ހާމަކުރުމުގެ ނަތީޖާއާ މެދު ސުޕްރީމް ކޯޓުން ވިސްނާނެ ކަމަށެވެ.