09 Dec 2014, 22:48
ސުޕްރީމް ކޯޓު (އެސްސީ)ގެ ދެ ފަނޑިޔާރުން ވަކިކުރާ ބިލު ފާސްކުރަން މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެ ބިލު އެޖެންޑާކޮށްފައިވާއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން، ފަހަކަށް މަދުކުރުމަށްޓަކައި ދެ ފަނޑިޔާރަކު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ފާސްކޮށްފައި އެވެ.
މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން އެ ބިލު ފާސްކުރައްވާފައިވާއިރު އެ ބިލަށް ވަނީ ބައެއް ބަދަލުތައް ގެނެސްފަ އެވެ. ކޮމިޓީން ފާސްކުރި ބިލުގައި ސުޕްރީމް ކޯޓުން ދެ ފަނޑިޔާރަކު ވަކިކުރެވޭނީ މަގާމަށް ގާބިލް ނޫން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކަމަށް ބުނެފައިވެ އެވެ. އެގޮތަށް ފަނޑިޔާރަކު މަގާމުން ވަކިވާނީ މަޖިލީހުގެ ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ ތިންބައި ކުޅަ ދެ ބައިގެ އަޣުލަބިއްޔަތުން ފާސްވެގެން ކަމަށް ކޮމިޓީން ވަނީ ނިންމާފަ އެެވެ.
އެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްތީގުކުރެއްވުމާއެކު އަމަލު ކުރަންޖެހޭ ކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ނިންމާފަ އެވެ. ހަމައެއާއެކު ތަސްދީކުރައްވާތާ ތިން ދުވަސް ތެރޭގައިި ވަކިކުރަން ހުށަހަޅާ ނަންތައް މަޖިލީހަށް ހުށަހަޅަންޖެހެ އެވެ. އަދި ވަކިކުރަން މަޖިލީހަށް ނަން ހުށަހަޅާތާ ހަތް ދުވަސް ތެރޭގައި އެ ފަނޑިޔާރަކު ވަކިކުރަން މަޖިލީހުގެ ތަޅުމުން ފާސް ކުރަންޖެހޭނެ އެވެ.
ސްޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވާއިރު ބިލްގައިވާ ގޮތުން ވަކިކުރާ ފަނޑިޔާރުންނަށް ގަނޑިޔާރުންގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ށ) އަދި (ނ) ގައި ކަނޑައަޅާފައިވާ ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒުތައް ދައުލަތުން ލިިބިދޭންވާނެ އެވެ.
ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުނަކީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން އާއި ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަލީ ހަމީދާއި ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ފަނޑިޔާރު އަހުމަދު މުހުތަސިމް އަދުނާނެވެ.