09 Dec 2014, 22:07
މާލެއަށް ފެނުގެ ދަތިކަން ބޮޑުވެ، ސަލާމަތީ ބާރުތަކުން ހިލޭ ބަހަމުންދާ ފެން ފުޅިތައް ބައެއް ފިހާރަތަކުން ވިއްކަމުންދާ މައްސަލަ ބޮޑުވެއްޖެ އެވެ.
ހިލޭ ބަހަމުންދާ ފެން ފުޅިތައް ފިހާރަތަކުގައި ވިއްކާ މައްސަލަ ބޮޑުވަމުންދާއިރު، އެފަދަ ފެން ފުޅިތައް ސައި ހޮޓާތަކުގައި ވެސް ބޭނުން ކުރަމުންދާ ކަމަށްވެ އެވެ. އެފަދަ ފެންފުޅިތައް ވިއްކާ މައްސަލައިގެ ޝަކުވާ ލިބެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ބިދޭސީނަށް ފައިސާ ދީގެން ކިއުތަކުގައި ޖައްސައިގެން ފެންފުޅިތައް އެއްކުރަމުންދާ ކަމުގެ މައުލޫމާތު ވެސް ލިބެމުންދާ ކަމަށެވެ.
ހެޑް އޮފް ސެންޓަރަލް އޮޕަރޭޝަން ކޮމާންޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ނަވީން މިރޭ ވިދާޅުވީ ހިލޭ ބަހަމުންދާ ލޭބަލް ކަނޑާފައި ހުންނަ "ތާޒާ" ބްރޭޑުގެ ފެންފުޅި ވިއްކާ ކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށެވެ. އަދި އެފަދަ ފެން ފުޅި އެއްވެސް ފަރާތަކުން ވިއްކާކަމުގެ މައުލޫމާތު ލިބިފައިވާނަމަ ފުލުހުންނަށާއި އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ހޮޓްލައިން ނަންބަރުތަކަށް ގުޅައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ވެސް ނަވީން ވަނީ އެދިވަޑައިގެންފަ އެވެ.
"އެ ފުޅިތަކަކީ އެއްވެސް ދިމާލަކުން ވިއްކައިގެންވާނެ ފުޅިތަކެއް ކަމުގައި ނުވާތީ، އެކަހަލަ ކަމެއް ކުރާ ފަރާތެއްވާނަމަ ފުލުހުންގެ 3322211 ނަންބަރު ފޯނަށް އަދި އިކޮނޮމިކް މިނިސްޓްރީން ދެއްވާފައިވާ ފޯނުތަކަށް ގުޅުމަށް އަޅުގަނޑު ހުރިހާ ރައްޔިތުންނަށް ވެސް ގޮވާލަން،" ނަވީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފިހާރަތަކުގައި ވިއްކަން ހުންނާނީ ލައިފް އަދި ބޮނަކުއާ ބްރޭންޑުގެ ފެންފުޅިތައް ކަމަށާއި ލޭބަލް ކަނޑާފައި ހުންނަ ތާޒާފެން ވިއްކަން ހުރުމަކީ މައްސަލައެއް ކަމަށެވެ.
ފެން ކުންފުނީގައި ހިނގި އަލިފާނުގެ ހާދިސާގައި މުޅި މާލެއިން ފެނުގެ ޚިދުމަތް ކެނޑުނު ފަހުން ފުލުހުންނާއި ސިފައިން ދަނީ ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމުގައި އަވަދިނެތި މަސައްކަތް ކުރަމުންނެވެ. ނަވީން ވިދާޅުވި ގޮތުގައި ފެން ފޯރުކޮށްދިނުމުގެ މަސައްކަތުގައި މާލޭގައި ހަރަކާތްތެރިވާ ހުރިހާ ފުލުހުން ކަހަލަގޮތަކަށް އަންނަނީ ހަރަކާތްތެރިވަމުންނެވެ.