09 Dec 2014, 21:47
ހުޅުމަލޭ ޣާޒީ ސުކޫލަށް ވަނުމަށް އެދި ފޯމު ހުށަހަޅާ ކުދިން ދެ ބަޔަކަށް ބަހާލުމަށް ފަހު ހުޅުމާލޭގައި އަލަށް ހުޅުވާ ނެއިބާހުޑް ތުރީ (އެން ތުރީ) ސުކޫލަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ހުޅުމާލޭގައި އަލަށް އިމާރާތްކުރާ އެން ތުރީ ސުކޫލަށް ފަރުނީޗަރު ހޯދުމަށް ދެ ކުންފުންޏަކާ އެކު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އިސްމާއިލް ވިދާޅުވީ ޣާޒީ ސުކޫލަކީ މިހާރު ވެސް ވަރަށް "ބާރު ބޮޑު" ސުކޫލެއް ކަމަށެވެ. އެ ސްކޫލަށް ވަނުމަށް ފޯމް ހުށަހަޅާ ބައެއް ކުދިން އެން ތުރީ ސްކޫލަށް ބަދަލު ކުރުމުން، ޣާޒީ ސުކޫލުގެ ޖާގައިގެ ދަތި ކަމަށް ހައްލު އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އެން ތުރީ ސްކޫލަށް އަލަށް ވަންނަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
އެން ތުރީ ސުކޫލަށް ބޭނުންވާ ފަރުނިޗާ ހޯދުމަށް އެޑިކޭޝަން މިނިސްޓްރީ އެއްބަސްވުމެއްގައި މިއަދު ސޮއި ކުރީ ކޭއޭއެސް ޕްރައިވެޓް ލިމިޓެޑާއި ޑްޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެކު އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އިސްމާއިލެވެ.
ކޭއޭއެސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަސަން ވަހީދެވެ. އަދި ޑްޕްލެކްސް ޕްރައިވެޓް ލިމިޓެދްގެ ފަރާތުން މި އެއްބަސް ވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އަސްލަމެވެ.
ހުޅުމާލޭ އެން ތްރީ ސުކޫލަކީ 1500 ކުދިންގެ ޖާގައިގެ ސުކޫލެކެވެ. އެ ސްކޫލުގައި 44 ކުލާސްރޫމާއި، ހޯލަކާއި، ލެބްތަކާއި ލައިބްރަރީގެ އިތުރުން ސްޓާފްރޫމް އާއި އިދާރީ އޮފީސް ހިމެނެ އެވެ.