ޒުވާނުންގެ ސިޓީއެއްގެ ގޮތުގައި ހުޅުމާލެ ތަރައްގީ ކުރައްވަން ބޭނުންފުޅުވަނީ 50،000 ހައުސިން ޔުނިޓާއެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ހައުސިންގް މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ހުޅުމާލެ އާއި ރާއްޖޭގެ ދެކުނުގައި އެޅުމަށް ހަމަޖައްސާފައިވާ 1500 ހައުސިން ޔުނިޓްގެ މަޝްރޫއު އިފްތިތާހު ކުރުމަށް މިއަދު ހުޅުމާލޭގަ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއު މިމަހުގެ ފަހުކޮޅު ފެށިގެންދާނެ ކަމަށާއި އެ މަޝްރޫއުގެ މަސައްކަތް ފެށިގެންދާ އިރު ހައުސިންގް ޕްރޮޖެކްޓްގެ ގިނަ މަޝްރޫއުތަކެއް ހިމެނެން ޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ ޗައިނާގެ މެސިނަރީ އެންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)ގެ ރައީސާއި ރާއްޖެ އަށް ޗައިނާ އިން ކަނޑައަޅާފައި ހުންނަވާ ސަފީރާ އެކު ބޭއްވެވި ބައްދަލުވުމުގައި ހުޅުމާލެ އާއި ދެކުނުގައި އަޅާ 1500 ހައުސިންގް ޔުނިޓްގެ އިތުރުން ބޯހިޔާވަހި ކަމުގެ އިތުރު ފުރުސަތުތަކުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

"ރާއްޖޭގައި ބޯހިޔާވަހި ކަމުގެ ފުރުސަތު ނެތި ގަބޫލެއް ނުކުރެވޭ އެހެން ކަމަކަށް ފުރުސަތެއް އޮވެދާނެ ކަމަކަށް، އެހެންކަމުން ޒުވާނުންގެ އުއްމީދުތަކާއި ގުޅިފައި އަދި ފަސޭހަ ނިޒާމެއްގެ ދަށުން އަތްފޯރާ ހަަރަދުތަކެއް ނޫނިއްޔާ އަޅުގަނޑުމެންގެ ބަޖެޓުން ދެކޮޅު ޖެއްސޭނެ މިންވަރަކަށް ހަރަދުކޮށްގެން ހިޔާވަހިކަން ލިބޭނެ މަޝްރޫއުތަކެއް ހިންގުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު. އެހެންކަމުން އަޅުގަނޑު ދެންނެވި ހުޅުމާލެ ޑްރީމް ސިޓީއެއްގެ ގޮތުގައި ތަރައްގީވެގެންދާއިރު އެތަނުގައި 50،000 ހައުސިންގް ޔުނިޓް އެޅިގެންދާތަން ދެކެން ބޭނުން،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ހުޅުމާލެ ޒުވާނުންގެ ސިޓީއަކަށް ހެދުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ހުޅުމާލޭގައި އެޅުމަށް ހައުސިން ޕްރޮޖެކްޓްތަކަށް ޝައުގުވެރިވާ ޗައިނާގެ ކުންފުނިތަކަށާއި ބޭރުގެ އެހެން ކުންފުނިތަކަށް މަރުހަބާ ދަންނަވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހުޅުމާލެއަކީ ޒުވާނުންގެ ސަހަރެއްގެ ގޮތުގައި ސަަރުކާރުން ތަރައްގީ ކުރުމަށް ނިންމާފައިވާ ސިޓީއެއް ކަމުގައިވާއިރު ހުޅުމާލޭގައި މިއަދު ފެށި ހައުސިންގް މަޝްރޫއުއަކީ ޒުވާނުންގެ އުއްމީދުތަކަށް ކޮންމެ ވެސް ވަރެއްގެ ހަމަޖެހުމަށް ލިބިގެންދާނެ މަޝްރޫއުއެއް ކަމަށެވެ.

"ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަޝްރޫއު ފެށިގެން ހުޅުމާލެ ނިމިގެންދާ އިރު މިހާރުގެ ހުޅުމާލެ އަށް ވުރެ ބޮޑު ހުޅުމާލެއެއް އުފެދިގެންދާނެ، އިތުރު ހުޅުމާލެއެއް އުފެދިގެން ދިޔައީމާ މިތަނަށް އަންނަން ވާނީ މިކަހަލަ 1500 ހައުސިންގް ޔުނިޓެއް ނޫން، ތަފާތު އެކި ހައުސިންގް މަޝްރޫއުތައް މިތަނަށް އަންނާނެ، ސޯޝަލް ހައުސިން އެންމެ ބޮޑު ބައެއް ނަގާނީ، އެހެންނަމަވެސް އެއާ އެކު ތަނަވަސްކަމުގެ އަހުހުލުވެރިންނަށް ވެސް ހިޔާވެހިކަމުގެ މަޝްރޫއުތަކާއި ރާއްޖޭގައި އިންވެސްޓްކުރަން ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އަދި ރާއްޖޭގައި ކޮންމެ ސިފައެއްގައި ދިރިއުޅެން ޝައުގުވެރިކަން ހުންނަ ބޭރުގެ ފަރާތްތަކަށް މިފުރުސަތު ތަނަވަސްވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި މާލެ އަށް މިވަގުތު ކުރިމަތިވެފައިވާ ފެނުގެ މައްސަލައާ ގުޅިގެން ޗައިނާގެ ސަރުކާރުން ވެދެމުން ގެންދާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށް ޓަކައި ޝަކުރުއަދާކުރެއްވި އެވެ.

ޗައިނާ ސަރުކާރުން ދޭ ލުއި ލޯނުގެ ދަށުން އެޅުމަށް ހަމަޖައްސާފައިވާ 1500 ހައުސިންގް ޔުނިޓްގެ ތެރެއިން ހުޅުމާލޭގައި އަޅާ 704 ހައުސިންގް ޔުނިޓްތަކުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި ނިމިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.