09 Dec 2014, 20:24
މޯލްޑިވިއަންގެ ކަނޑަށް ޖައްސާ އާ ބޯޓެއް އަނެއްކާވެސް ރާއްޖެ ގެނެސްފި އެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން ގައުމީ އެއާލައިން، މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިރޭ ވިދާޅުވީ 16 މީހުންގެ ޖާގައިގެ އެ ބޯޓު ރާއްޖެ ގެނައީ މިއަދު ކަމަށެވެ. އަދި ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭ ބޯޓުގައި ކަނދުހަރުކޮށް ނިމުމާއެކު ބޯޓުގެ ދަތުރުތައް ފެށާނެ ކަމަށް ނަޝާތު ވިދާޅުވި އެވެ.
ނަޝާތު ވިދާޅުވީ އަލަށް ގެނައި ސީ ޕްލޭން ވެސް ދަތުރު ކުރާނީ ހއ. އާއި ބ. އަދި ދ. ގެ އިތުރުން ތ. އަތޮޅަށް ކަމަށެވެ.
ގައުމީ އެއާލައިނުން ސީ ޕްލޭންގެ ހިދުމަތް ދިނުމަށް ނިންމައި އެކަމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
ރާއްޖޭގައި ސީޕްލޭން އޮޕަރޭޓްކުރަމުން ގެންދިޔަ ދެ ކުންފުނި ކަމަށްވާ މޯލްޑިވިއަން އެއާ ޓެކްސީ (އެމްއޭޓީ) އާއި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ މެޖޯރިޓީ ހިއްސާ މަޝްހޫރު ޕްރައިވެޓް އިކުއިޓީ ކުންފުންޏެއް ކަމަށްވާ ނިއުޔޯކުގެ "ބްލެކްސްޓޯން ގުރޫޕް" އިން ގަތުމަށް ފަހު އެ ދެ ކުންފުނި ވަނީ އެއްކޮށްލައިފަ އެވެ.