09 Dec 2014, 19:20
މާލޭގެ ފެނުގެ މައްސަލަ ހައްލު ކުރުމަށް އުފައްދާފައިވާ "މާލޭ ވޯޓާ ކްރައިސިސް މެނޭޖްމަންޓް ފަންޑް" ބޭނުން ކުރުމަށް ގަސްތުކުރާ ގޮތުގެ ތަފްސީލު ރައްޔިތުންނަށް ހިއްސާ ކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފި އެވެ.
ޓްރާންސްޕޭރެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފެނުގެ ދަތިކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތް ވީހާ ވެސް ހާމަކަމާއެކު ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ. ހާމަކަން ކުޑަ ގޮތެެއްގައި އެ މަސައްކަތް ކުރިއަށް ގެންދާނަމަ އިޖުތިމާއީ، ސިޔާސީ ނުތަނަވަސްކަން ގޯސްވެގެން ހިނގާދާނެ ކަމުގެ އިންޒާރު އެ ޖަމިއްޔާގެ ބަޔާނުގައި ދީފައިވެ އެވެ.
ފެން ކުންފުނި މަރާމާތު ކުރުމަށް 20 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް ސަރުކާރުން ބުނެފައިވާއިރު، އެ އަދަަދަށް އާދެވުނު ގޮތާއި ސަރުކަރުން ހުޅުވި ފަންޑު ބޭނުން ކުރުމަށް ގަސްތުކުރާ ގޮތުގެ ތަފްސީލް ރައްޔިތުންނަށް ހިއްސާ ކުރަން ޖެހޭނެ ޓްރާންސްޕޭރެންސީން ބުންޏެވެ.
"ސަން"އާ ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެޑްވޮކަސީ އެންޑް ކޮމިއުނިކޭޝަން މެނޭޖަރު އައިމަން ރަޝީދު ވިދާޅުވީ ކާރިސާގެ ހާލަތްތަކުގައި "ކުއްލި ކުއްލި"އަށް ކަންކަން ނިންމުން ކޮރަޕްޝަނަށް މަގުފަހިވެގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން މި ބުނަނީ މާލެއަށް ދިމާވެފައިވާ ފެނުގެ ކާރިސާގެ ހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްްކަތްތަކުގައި އެފަދަ ކަމެއް އުޅޭ ވާހަކައެއް ނޫން. އެކަމަކު މިފަދަ މަސައްކަތްތަކުގައި ވަރަށް ފަސޭހަވާނެ ރައްޔިތުންގެ ނަމުގައި އަސާސީ ހިދުމަތްތަކުގެ ނަމުގައި އޭގެ ފައިދާ ނަގަން. ދުނިޔޭގެ އެތައް ގައުމުގެއް އެތައް ބައިވަރު ކާރިސަތަކުގައި މިހެން ވެފައި އެބަހުރި،" އަަައިމަން ވިދާޅުވި އެވެ.
ދައުލަތުގެ ކުންފުނިތައް ހެޔޮ ގޮތުގައި ހިންގުމާއި ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތަކާ އޮންނަ ގުޅުން ފެން ކުންފުނީގައި ހިނގާ ދިޔަ ހާދިސާއިން ދައްކުވައިދީފި ކަމަށް ޓްރާންސްޕޭރެންސީގެ ބަޔާނުގައިވެ އެވެ.
ރައްޔިތުންނަށް އަސާސީ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ހިންގުމާއި އިޖުރާއަތްތައް މުރާޖާކޮށް އެފަދަ އެހެން ހާދިސާއެއް ނުހިނގާނެކަން ޔަގީން ކުރުމަކީ ދައުލަތުގެ ވާޖިބެއް ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މިހެން ބުނެފައި ވަނީ އެމްޑަބްލިއުއެސްސީގައި ހިނގައި ދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލު ކުރުމަށް 20 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް، ފެނުގެ މައްސަލަ ހައްލު ކުރުމަށް ރައީސް އުފެއްދެވި ޓާސްކް ފޯސް އިން ބުނެފައި ވަނިކޮށެވެ.