01 Feb 2011, 15:36
ލޯކަލް ކައުންސިލް އިންތިހާބު ކައިރިވެފައވާއިރު ކެމްޕޭން ކުރުމުގެ ތެރޭ ޑިމޮކްރޮސީގެ ރޫހާ ހިލާފު އަމަލުތައް ފެންނަމުންދާތީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.
ކޮމިޝަނުން މިއަދު ނެރު ނޫސް ބަޔާނެއްގައި ބުނަނީ ކެމްޕޭން ކުރުމުގައި އެއް ބަޔަކު އަނެއް ބަޔަކަށް އިހުތިރާމް ނުކުރުމާއި ޒިންމާދާރު ގޮތުގައި އަމަލުތައް ނުބެހެއްޓުމުގެ ސަބަބުން ހަމަނުޖުމާއި މާރާމާރީ ހިންގައި، ތަކެއްޗަށާއި މުދަލަށް ގެއްލުންދިނުމުގެ ސަބަބުން އޭގެ ނުރަނގަޅު އަސަރުތައް މުޖުތަމައަށް ފޯރަމުންދާ ކަމަށް ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ މެދުގައި ޒާތީ ގޮތުން ދެކޮޅުވެރި ބަސްތައް ބަދަލު ކުރުމާއި ކެންޑިޑޭޓުން ކެމްޕޭން ކުރުމަށް ހުރަސް އެޅޭފަދަ އަމަލުތައް ހިންގުމަކީ ޑިމޮކްރެޓިކް މާހައުލެއްގައި ފެނިގެން ނުވާނެ ކަންތައްތައް ކަމަށާއި އެކަން ކަމުން ދުރިހެލިވުމަށް ސަމާލުކަން ދިނުމާއެކު ގައުމުގެ އިޖުތިމާއީ ހަމަޖެހުމާއި މަސްލަހަތަށް ވިސްނައިގެން ކެމްޕޭންތައް ކުރުމަށް ކޮމިޝަނުން ގޮވާލާ ކަމަށް ވެސް ވިދާޅުވި އެވެ.
"... މިނިވަން އިންސާފުވެރި އިންތިހާބަކަށް ބޭނުންވާ އަމާން ސުލްހަވެރި ވެއްޓަކާއި ކެންޑިޑޭޓުން ކެމްޕޭން ކުރުމަށް ހަމަހަމަ ފުރުސަތުތަކާއި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމާއި އެއްވެ އުޅުމުގެ މިނިވަން ކަމާއި އެއްތަނުން އަނެއް ތަނަށް ދިއުމާއި ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަން ކަމާއި ތަފާތުކުރުންތަކުން އެއްކިބާ ވެގެން ހުރުމުގެ ހައްގާއި ހަރުދަނާ އިންސާފުވެރި އަދުލުގެ ގާނޫނީ ނިޒާމެއް ފަހިވެފައި އޮންނަން ޖެހެ އެވެ،" ބަޔާނުގައި ވެއެވެ.
އަދި ބުނަނީ މީޑިޔާ ތަކުގައި ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ފަހިކޮށް ދިނުމަށާއި އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ހުރިހާ މުއައްސަސާތަކުން ސަމާލުކަން ދިނުމަށް ކޮމިޝަނުން އިލްތިމާސް ކުރާ ކަމަށެވެ.
އިންތިހާބުގައި ވޯޓު ލުމަކީ އެންމެ މުހިންމު އެއް އަސާސީ ހައްގަށްވާއިރު ކޮންމެ އިންތިހާބަކީ ރައްޔިތުން އެދޭ ގޮތް ދައްކުވައިދޭ އިންތިހާބަކަށް ވާންޖެހޭތީ އެކަން ފުރިހަމަ ގޮތުގައި ހާސިލުވާނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނުވަތަ ބިރު ދެއްކުމެއް ނެތް މިނިވަން އިންސާފުވެރި އިންތިހާބަކުން ކަމަށް ވެސް ބާޔާނުގައި ވެއެވެ.