09 Dec 2014, 17:26
ޗައިނާ ސަރުކާރުގެ ލުއި ލޯނެއްގެ ދަށުން ހުޅުމާލެ އާއި ދެކުނުގެ ހަތަރު އަތޮޅުގައި އެޅުމަށް އަޅާ 1500 ހައުސިން ޔުނިޓްގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ދެންމެ އަޅުއްވައިދެއްވައިފި އެވެ.
މިއަދު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަންއާ (ސީއެމްއީސީ) ހަވާލުކޮށްގެން އަޅާ ހައުސިން ޔުނިޓް މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާނީ 704 ހައުސިން ޔުނިޓުން ކަމަށާއި އަނެއް 796 ޔުނިޓް އަޅާނީ އެެންމެ ދެކުނުގެ ހަތަރު އަތޮޅުގައި ކަމަށެވެ.
ހައުސިން މިނިސްޓަރު ވިދާޅުވީ ސީއެމްއީސީ އަކީ ކުރިން ވެސް ރާއްޖޭގައި ގެދޮރު އެޅުމުގެ ތަޖުރިބާ ކޮށްފައިވާ ކުންފުންޏެއް ކަމަށާއި އެންމެ ދެކުނުގެ ހަތަރު އަތޮޅާއި ހުޅުމާލޭގައި އަލަށް އަޅާ 1500 ހައުސިން ޔުނިޓްގެ މަސައްކަތް ޖުމްލަ 18 މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ހުޅުމާލޭގައި އަޅާ ހައުސިން ޔުނިޓްތަކަށް އެދި މިހާތަނަށް 25،000 މީހުން ފޯމް ހުށަހަޅާފައިވާ ކަމަށެވެ. އޭނާ ވިދާޅު ހުޅުމާލެ އަކީ ރައީސް ޔާމީން ޔޫތު ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރާ ރަށެއްގައި ކަމަށާއި މިއަދު ބިންގާ އެޅި މަޝްރޫއުއަކީ އެ މަގަށް އެޅުނު ވަރުފަދަ ބިންގަލެއް ކަމަށެވެ.
މުއްއިޒު މިއަދު ވިދާޅުވީ ރައީސް ޔާމީންގެ މަޝްވަރާގެ މަތީން މާލޭގައި ހުއްޓިފައިވާ ދެ ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް އިއްޔެ ފެއްޓިފައިވާ ކަމަށެވެ. އަދި ވިދާޅުވީ މަޖީދީމަގު އަރިއްބިއްޔާ ސްކޫލް ހުރި ތަނުގައި އަޅާ ހައުސިން ޔުނިޓް މަޝްރޫއު އާއި އަމީނީމަގާއި ބުރުޒުމަގަށްވާ ގޮތަށް އަޅާ ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ގިނަ ވެގެން 12 މަސް ދުވަހުގެ ތެރޭގައި ނިންމޭނެ ކަމަށެވެ.