އެޑިއުކޭޝަން މިނިސްޓްރީގެ މަގުސަދަކީ އަހަރުން އަހަރަށް ރާއްޖެ ގެންނަ ބިދޭސީ ޓީޗަރުންގެ އަދަދު މަދުކުރުން ކަމަށާއި ފެށޭ އަހަރު ރާއްޖެ އަށް ބޭރުން ގެންނާނީ ގިނަވެގެން 200 ޓީޗަރުން ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ރާއްޖެ އަށް ބިދޭސީން ގެންނަ ދެ ކުންފުންްޏަކާ އެކު ޓީޗަރުން ގެނައުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އެޑިޔޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްވަމުން ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އިސްމާއިލް ވިދާޅުވީ އެ މިނިސްޓްރީގެ މައިގަނޑު މަގްސަދަކަށް ވާނީ ބިދޭސީ ޓީޗަރުން ވިހާވެސް މަދުކޮށް، ދިވެހި ޓީޗަރުން ސްކޫލުތަކުގައި ކިޔަވައި ދިނުން އިތުރުކުރުން ކަމަށެވެ.

މިދިޔަ އަހަރު ރާއްޖެ އަށް ގެނައި ބިދޭސީ ޓީޗަރުންގެ އަދަދު 200 އާއި 400 އާ ދެމެދުގައި އުޅޭނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.


އަންނަ އަހަރަށް ބިދޭސީ ޓީޗަރުން ގެނައުމަށް މިއަދު ވަނީ ސީވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ސަންއެއާ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ އެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

ސީވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސަމީރު އެވެ. އަދި ސަންއެއާ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗެއާމަން އިބްރާހިމް ފައުޒީ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އިސްމާއިލެވެ.