ހުޅުމާލޭގައި އެޅުމަށް ހަމަޖައްސާފައިވާ ކުޑަކުދިންގެ ހިޔާގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު އަޅުއްވައި ދެއްވައިފި އެވެ.

ހުޅުމާލޭގެ ލާލޭ ސްކޫލާ ޖެހިގެން އޮންނަ ހުސް ބިމުގައި އިމާރާތް ކުރާ ކުޑަކުދިންގެ ހިޔާއަކީ ޔޫއޭއީގެ މަހުމޫދު އަލް ހަޖާ ހިލޭ އެހީގެ ދަށުން އެޅުމަށް ހަަމަޖައްސާފައިވާ ތަނެކެވެ.

އެ ހިޔަލުގެ ބިންގާ އެޅުމަށް މިއަދު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނައިބު އަހުމަދު އަނިލް ވިދާޅުވީ މީގެ އަށް އަހަރު ކުރިން ވިލިމާލޭގައި ހުންނަ ކުޑަކުދިން ހިޔާއިން ކުޑަކުދިން ބަލަހައްޓަން ފެށިއިރު އެތަނުގައ ތިބީ 40 ކުދިން ކަމަށެވެ. ނަމަވެސް މިހާރު އެތަނުގައި 41 އަންހެން ކުދިންނާއި 31 ފިރިހެން ކުދިންނާއެކު ޖުމްލަ 72 ކުދިން އެބަ ތިބި ކަމަށް އަނިލް ވިދާޅުވި އެވެ.

"ވިލިގިލީގެ ކުޑަކުދިންގެ ހިޔަލުގައި ކުޑަކުދިން ބަލަހައްޓަން ފެށުނުއިރު އަމާޒު ކުރެވިފައި ވަނީ އުމުރުން 10 އަހަރުން ދަށުންގެ ކުދިން ބެލެހެއްޓުމަށް، އެހެން ނަމަވެސް މިހާރު އެތަނުގައި އުމުރުން ހަ މަހުން ފެށިގެން 17 އަހަރާ ދެމެދުގެ ކުދިން އެބަ ތިބި، އެހެން ކަމުން އެ ކުދިން ބެލެހެއްޓުމަށް އާ ސެންޓަރެއް ގާއިމް ކުރުމުގެ މުހިންމު ކަން މި އޮތީ ޖެހިފައި،" އަނިލް ވިދާޅުވި އެވެ.

އަނިލްގެ ވާހަކަފުޅުގައި ޔޫއޭއީގެ މަހުމޫދު އަލް ހާޖާގެ ހިލޭ އެހީގެ ދަށުން ހުޅުމާލޭގައި އަލަން އިމާރާތް ކުރާ އާ ސެންޓަރު ހަދިޔާ ކޮށްދެއްވާތީ، އެ ރަސްމިއްޔާތުގައި ބައިވެރިވި އޭނާގެ ދެ ދަރިކަލުންނަށް ޝުކުރު އަދާކުރެއްވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވީ ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ އިމާރާތަކީ ވިލިމާލޭގައި ހުރި ކުޑަކުދިންގެ ހިޔަލަށްވުރެ، ޖާގައިގެ ގޮތުން ވެސް ވަސީލަތްތަކުގެ ގޮތުން ވެސް މާ ފުރިހަމަ ބޮޑު ތަނަކަށް ވެގެންދާނެ ކަމަށެވެ.

"ވިލިމާލޭގައި ހުރި ހިޔާއަށް ވެސް ދިވެހި ވިޔަފާރިވެރިންގެ ފަރާތުން ގިނަ ގުނަ އެހީތަކެއް ދަނީ ވެދެއްވަމުން، ސަރުކާރުން ކުރާ މިފަދަ ކޮންމެ މަސައްކަތެއްގައި ދިވެހި ރައްޔިތުންގެ ވަކިން ހާއްސަކޮށް ދިވެހި ވިޔަފާރިވެރިން ގެންދަވަނީ އެހީ ވެދެއްވަމުން،" ރައީސް ވިދާޅުވި އެވެ.

ހުޅުމާލޭގައި އަޅާ މި ކުޑަކުދިންގެ ހިޔަލަކީ ބޮޑު ހުސް ބިމަކާއި އެކު ހަތަރު ބުރީގެ އިމާރާތެކެވެ.