09 Dec 2014, 15:47
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކަރުގައި ވަޅި އަޅައި ބޮލުގެ ނާށިގަނޑު ފަޅާލުމުން ލިބުނު ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށް މަރުވި ސ. މަރަދޫ، ހުދުހިރި، އަހުމަދު މަފާޒަށް ހަމަލާދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މަފާޒު މަރާލި މައްސަލައިގެ ތުހުމަތުގައި މިއަދު 3:35 އެހައިކަންހާއިރު ހ. ބްލޫބާޑްގެއިން ހައްޔަރުކޮށްފައިވަނީ 20 އަހަރު ދިވެހި ފިރިހެނެއް ކަމަށެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސްކުރި އިރު އެ މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ ބައެއް ތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މާރާމާރީގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު، ފުލުހުން ވަނީ އެސަރަޙައްދަށް ގޮސް މަފާޒު ހޮސްޕިޓަލަށް ގެންގޮސްފައެވެ. ފުލުހުން އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މަގުމަތިން ޓެކްސީއެއް ހުއްޓުވުމަށްފަހު ފުލުހުންގެ އެހީތެރިކަމާއެކު ޓެކްސީގައެވެ.
ފުލުހުން ބުނީ އެމީހާ މަރުވެފައިވަނީ ތޫނުއެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.
އެމީހާ ހައްޔަރުކޮށްގެން ގެންދިޔަ ވަގުތު ގިނަ ބަޔަކު އެ ސަރަހައްދަށް އެއްވެފައި ތިއްބެވެ.