ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ތިންވަނަ ޑިވިޝަންގެ ފުޓްބޯޅަ މުބާރާތުގެ މެޗުތަށް މާލެއަށް ދިމާވެފައިވާ ފެނުގެ ދަތިކަމާ ގުޅިގެން ފަސްކޮށްފި އެވެ.

އެފްއޭއެމުން މިއަދު ބުނީ މާލޭގެ ފެނުގެ ހާލަތާ ގުޅިގެން ތިން ވަނަ ޑިވިޝަން މުބާރާތުގެ މެޗުތަށް ފަސްކުރަން ނިންމީ އެ އެސޯސިއޭޝަންގެ މުބާރާތު ކޮމިޓީން ކަމަށެވެ. އަދި އެ މެޗުތަކުގެ ކުޅުން ދެން ކުރިއަށް ގެންދާނީ މީގެ ހަފްތާއެއް ފަހުން ކަމަށްވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.

މިދިޔަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ މި މުބާރާތުގައި މިފަހަރު 53 ޓީމެއް ބައިވެރިވެފައިވެ އެވެ. އަދި މި މުބާރާތް ކުރިއަށް ގެންދަނީ ޓީމްތައް 18 ގްރޫޕަކަށް ބަހާލައިގެނެވެ. މި މުބާރާތުގައި މިހާތަނަށް ގްރޫޕް ސްޓޭޖްގެ 48 މެޗު ކުޅެފައިވާ އިރު، މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ދެން ބާކީ ކުޅެން އޮތީ ހަ މެޗެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗުތައް ނިންމުމަށް ފަހު، މުބާރާތުގެ ދެވަނަ ބުރުގެ މެޗުތައް ކުރިއަށް ގެންދަން މީގެ ކުރިން ހަމަޖެހިފައި އޮތީ މި މަހުގެ 12 އިން ފެށިގެންނެވެ. ނަމަވެސް ތާވަލަށް ގެނައި މި ބަދަލާއެކު، ދެވަނަ ބުރުގެ މެޗުތައް ދެން ފަށާނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. އަދި މުބާރާތުގެ ސެމީފައިނަލް ދެ މެޗު މިމަހުގެ 30 ވަނަ ދުވަހާއި 31 ވަނަ ދުވަހަށް ލަސްވެގެން ދާއިރު، މުބާރާތުގެ ފައިނަލް މެޗު ދެން ކުޅެވޭނީ އަންނަ އަހަރުގެ ޖެނުއަރީ ތިނެއްގަ އެވެ.