09 Dec 2014, 15:27
މާލޭ ވޯޓާ ކްރައިސިސް މެނޭޖްމަންޓު ފަންޑަށް ލިބޭ ފައިސާ ހޭދަކުރާނީ ފެންކުންފުންޏަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ކަމަށް އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ، އަދި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދީބު ވިދާޅުވީ ފެނުގެ މައްސަލަ ހައްލުކުރުމަށް 20 މިލިއަން ޑޮލަރު ހޯދަން ހުޅުވާފައިވާ ފަންޑަށް ލިބޭ ފައިސާ ހޭދަކުރާނީ ފެން ކުންފުންޏަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމާ ގުޅޭގޮތުން ފެންކުންފުނީގެ ހިއްސާދާރެއް ކަމުގައިވާ ހިޓާޗީ ކުންފުންޏާ އެކު ސަރުކާރުން މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގައި މައިގަނޑު މަގުސަދަކީ އެނގޭނެ ފަދައިން ރާއްޖޭގައި މިހުންނަ ޔުޓިލިޓީސް މައްސަލަ އަދި ހަމައެހެންމެ މި ދިމާވާ ކޮންމެ މައްސަލައެއް ވެސް އިގްތިސޯދީ ގޮތުން ވަރަށް ބޮޑެތި ގެއްލުންތަކެއް އެބަ ލިބެމުންދޭ. އެހެންވެ މި ފަންޑު ޔުޓިލައިޒް ކުރެވޭނީ ސީދާ މިކަމަށް ޚާއްސަކޮށްގެން. އެނގޭނެފަދައިން އެއީ ކުންފުންޏެއް ކުންފުނީގެ ޝެއާހޯލްޑަރުން ހިޓާޗީވެސް މިހާރު މިވަނީ ގެނެވިފައި. އެބޭފުޅުންނާ ޑިސްކަސް ކުރައްވަމުން އެގެންދަވަނީ،" އަދީބު ވިދާޅުވި އެވެ.
އެފަންޑަކީ އާންމު ރައްޔިތުން ކޮންޓްރިބިއުޓު ކުރަން ޖެހޭ ފަންޑެއް ނޫން ކަމަށާއި އެއީ ކޯޕަރޭޓް ސެކްޓާ އިންނާއި ހަމައެހެންމެ ދޭދޭ ގައުމުތަކުން އެހީތެރިކަން ފޯރުކޮށްދޭން ޝައުގުވެރިކަން ފާޅުކޮށްފައި ވާތީ ހުޅުވާފައިވާ ފަންޑެއް ކަމަށް އަދީބު ވިދާޅުވި އެވެ.
މިހާރުވެސް ރާއްޖޭގެ ޓޫރިޒަމް އިންޓަސްޓްރީންނާއި ބޭރުގެ އެކި ފަރާތްތަކުން ފަންޑަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.
".... ވަރަށް ބޮޑަށް ކޯޕަރޭޓް ސެކްޓާ އިން އެ ބޭފުޅުން ވަނީ ވަރަށް ބޮޑު ކޮންޓްރިބިއުޝަނެއް ޚާއްސަކޮށް ދިވެހިރާއްޖޭގެ ޓޫރިޒަމް އިންޓަސްޓްރީން ވަނީ ދެއްވާފައި. އަދި ހަމައެއާއެކީ ބޭރުގެ ވަރަށް ގިނަ ގައުމުތަކުން ވެސް އެއަށް ޕްލެޖު ކުރަމުން އެބަދޭ،" އަދީބު ވިދާޅުވި އެވެ.