މިހާރު މާލޭގެ ރައްޔިތުންނަށް ކުރިމަތިވެގެން އުޅޭ ފެނުގެ ދަތިކަމާ ގުޅިގެން ފެންފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ވިދާޅުވީ ރޭ މާލޭގައި މުޒާހަރާ ކުރީ ވެސް އެމްޑީޕީން ނޫން ކަމަށެވެ.

"... އެމްޑީޕީން އިންތިޒާމު ކުރި މުޒާހަރާއެއް ނޫން އެއީ އިނގޭތޯ. އެ މުޒާހަރާގައި ނުކުންނެވި ބޭފުޅުންގެ ތެރޭގައި އެބަ ތިއްބެވި އެމްޑީޕީ އަށް ތާއީދުކުރައްވާ ބޭފުޅުން. އަޅުގަނޑު ހިތުން ހަމަ އެކަނި އެމްޑީޕީ އަށް ތާއީދުކުރާ ފަރާތްތަކެއް ނޫން ތިއްބެވީކީ. އެމްޑީޕީގެ މުޒާހަރާއެއް ވެއްޖެއްޔާ އެމްޑީޕީގެ ދިދަޔާއި އެމްޑީޕީގެ އިސް ސަފުގައި ތިބޭ މީހުން އަބަދުވެސް ތިބޭނެ މުޒާހަރާގެ ކުރީގައި،" އަލީ ނިޔާޒު ވިދާޅުވި އެވެ.

ރޭގައި މުޒާހަރާކުރި މީހުން ފެން ލޮރީއެއް ހުއްޓުވި ކަމަށް ދެކެވޭ ވާހަކައާ ބެހޭ ގޮތުން އޭނާ ވިދާޅުވީ ، ފެން ލޮރީތަކެއް ހުއްޓުވި މަންޒަރު ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް އެއްވެސް ބަޔަކު އަމަލުކުރާނެ ކަމަށް ވެސް ގަބޫލުނުކުރައްވާ ކަމަށާއި އެއީ އެކަން ކުރަންވާނެ ގޮތެއް ވެސް ނޫން ކަމަށެވެ.

"... އަޅުގަނޑެއް ގަބޫލެއް ނުކުރަން ދެން އެގޮތަށް އެއްވެސް ބަޔަކު އަމަލުކުރާނެ ކަމަކަށް އެމްޑީޕީއަށް ވިޔަސް އަދި އެހެން ބާޓީއެއް ވިޔަސް. އެއީކީ އެކަން ކުރަން ވާނެ ގޮތެއް ނޫން. ފެން ދިނުމަކަށް ނޫނީ މަސައްކަތަކަށް ހުރަސް އެޅޭ އެއްވެސް ކަމެއް، އެމްޑީޕީން ހިތްވަރުދީގެން ހަމަ ޔަގީނުން ވެސް ނުކުރާނެ،" ނިޔާޒު ވިދާޅުވި އެވެ.

މިއަދުގެ ނޫސްކޮންފަރެންސްގައި ނިޔާޒާއި އޭނާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ ގާނޫނީ ކޮމެޓީގެ މެމްބަރު ހަސަން ލަތީފު ވެސް ވިދާޅުވީ ފެނުގެ ދަތިކަން ކުރިމަތިވި ގޮތާއި ބެހޭ ގޮތުން ފެން ކުންފުނީގެ ޓެކްނިކަލް ބޭފުޅުން ވާހަކަ ނުދައްކަވާ ނަމަ ބަލާނީ އެއީ ސިޔާސީ ކަމެއްގެ ގޮތުގައި ކަމަށެވެ. އަދި އެ ދެބޭފުޅުން ވެސް ތުހުމަތު ކުރެއްވީ ފެނުގެ ކަންތައް ސިޔާސީ ކޮށްގެން އުޅެނީ ސަރުކާރުން ކަމަށެވެ.