09 Dec 2014, 14:26
މާލެއަށް ދިމާވެފައިވާ ފެނުގެ ދަތިކަމާ ގުޅިގެން ކ. ތުލުސްދޫ ރައްޔިތުންގެ ފަރާތުން މާލޭގައި ދިރިއުޅެމުންދާ މީހުންނަށް 12.4 ޓަނުގެ ބޯފެން މިއަދު ހަދިޔާކޮށްފި އެވެ.
ތުލުސްދޫ އިން ފުރައިގެން މާލެއަށް ދަތުރުކުރި ބޯޓެއްގައި މިއަދު މެންދުރު 01:00 ގައި ގެނައި އެ ފެނާ ހަވާލުވެވަޑައިގަތީ ޓާސްކްފޯހުންނެވެ. އެއަށް ފަހު އެމްއެންޑިއެފްގެ އެހީގައި ވަނީ އެ ފެންތައް ޓީޖެޓީ ސަރަހައްދަށް ބާލައިފަ އެވެ.
ތުލުސްދޫ ކައުންސިލްގެ ރައީސް އަހުމަދު އަނީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ފެނުގެ ދަތިކަން ހައްލުކޮށްދިނުމަށް ޓަކައި ތުލުސްދޫ ކައުންސިލާއި ރައްޔިތުންގެ ފަރާތުން ފެން ހަދިޔާ ކުރުމަކީ އެ ރަށު ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
އެގޮތުން ކޮކާކޯލާ ކުންފުނިން ފެން ގަތުމަށް ފަހު ކައުންސިލްގެ ފަރާތުން ރަށު ކައުންސިލާއި ތުލުސްދޫ ރައްޔިތުންގެ ނަމުގައި މާލޭ ރައްޔިތުންނަށް ހަދިޔާކުރެއްވީ ކަމަށާއި މިއީ ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތުންނަށް ވެސް މިއަދު ވެވިދާނެ އެހީއެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ތުލުސްދޫ އިން މާލެއަށް ގިނަ އަދަދެއްގެ ފެން ހަދިޔާކޮށްފައިވާ އިރު އަތޮޅުތެރޭގެ ބައެއް ރަށްރަށުން ވެސް ދަނީ މާލެއަށް ފެން ފޯރުކޮށްދެމުންނެވެ.