އަންނަ މަހު ސްރީލަންކާގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް މިހާރުގެ ރައީސް ރާޖަޕަކްސާ އާއި ކޮމަން އިދިކޮޅު ލީޑަރު މައިތިރިޕާލާ ސިރިސޭނާގެ ނަން އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށް އެއް މަސް ދުވަހުގެ ކައުންޓް ޑައުން ފަށައިފި އެވެ.

އަންނަ މަހު 8 ވަނަ ދުވަހު އޮންނަ އިންތިހާބުގައި އެ ދެ ބޭފުޅުންނާ އެކު އިންތިހާބުގައި ވާދަ ކުރެއްވުމަށް 19 ބޭފުޅަކު ވަނީ ނަން ހުށަހަޅުއްވައި ޑިޕޮސިޓް ދައްކަވައިފަ އެވެ. އޭގެ ތެރޭގައި 17 ޕާޓީ އަކުން ވާދަ ކުރައްވާ 17 ބޭފުޅަކާއި މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ދެ ބޭފުޅަކު ވަނީ ނަން ހުށަހަޅުއްވައިފަ އެވެ.

ރާޖަޕަކްސާގެ ދެ ވަނަ ރިޔާސީ ދައުރުން އަދި ބާކީ ދެ އަހަރު އޮއްވައި އިންތިހާބު އަވަސްކޮށް، މިދިޔަ މަހު 20ގައި އިއުލާން ކުރެއްވީ ރައީސްގެ މަގުބޫލުކަން ދަށަށްދާ ކަމަށް ގަބޫލު ކުރެވިގެން ކަމަށް ލަންކާގެ މަސްދަރުތަކުން ބުނެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ޕްރޮވިންޝަލް އިންތިހާބު ސަރުކާރު ހިންގާ، ރާޖުޕަކްސާގެ ޕީޕަލް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ) އަށް ކާމިޔާބު ކުރެވިފައި ވަނީ ހަނި އަޣުލަބިއްޔަތަކުންނެވެ. އެއާ އެކު ޔޫޕީއެފްއޭގެ ބޮޑުންގެ މެދުގައި ނުތަނަވަސްކަން އުފެދުނެެވެ.

އިންޑިއާގެ ނޫސްތަކުން ބުނަނީ، ލަންކާގެ އުތުރުގައި ސިފައިންގެ އަތްގަދަ ކުރުމާއި ބާރުވެރިކަމުގެ ސަބަބުން އަދި އެ މީހުންގެ އުންމީދުތަކަށް އަލި މަގެއް ފެންނާނެ ކަމުގެ ޔަގީންކަން ނެތުމުން ތަމަޅައިންގެ ތާއީދު ރާޖަޕަކްސާ އަށް ނުލިބޭނެ ކަމަށެވެ. އަދި މުސްލިމުން ފުރިހަމަ ގޮތުގައި އަޅުކަން ކުރުމަށް ނުރައްކާތައް ކުރިމަތިވެ، އަދި އެ މީހުންގެ މުދަލަށް ސިންގަޅަ ބްޑިސްޓުން ހަމަލާދިނުމުގެ ސަބަބުން އެ މީހުން ވެސް ސަރުކާރާ ދޭތެރޭ ވަނީ ނުތަނަވަސްކަން އުފެދިފައި ކަމަށެވެ.

ރައީސް ރާޖަޕަކްސާގެ ސަޕޯޓް ބޭސް ބޮޑަށް އޮތީ އޭނާ އުފަން ދެކުނުގަ އެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި ތަމަޅައިން "ތަޅައި މައިތިރިކޮށް" ލަންކާ މިނިވަން ކުރި ހަގީގީ ބާނީއަކީ ރާޖަޕަކްސާ އެވެ.

"ވިލެޖުތަކުގައި ތިބި އަހަރެެންގެ މީހުން އަހަރެެންނަކަށް ދެރަގޮތެއް ނަހަދާނެ؛" އެޑިޓަރުންނާ ބައްދަލު ކުރައްވައި އަދި ސިންގަޅައިންނަށް އިޝާރާތް ކުރައްވައި ތަކުރާރުކޮށް ރާޖަޕަކްސާ ވިދާޅުވެ އެވެ.

ނަމަވެސް ތަހުލީލު ކުރާ ފަރާތްތަކުން ބުނަނީ ރާޖަޕަކްސާގެ އާއިލާގެ ބާރާއި ނުފޫޒު ސަރުކާރުގައި ގަދަވުމާއި ކޮރަޕްޝަން އަށަގަނެފައިވުމުގެ ސަބަބުން ސިންގަޅައިން ވެސް ފޫހިވެފައިވާ ކަމަށެވެ.

އިދިކޮޅު ފަރާތުގެ ޗެލެންޖު

ރާޖަޕަކްސާއާ ވާދަކުރާނީ ކޮމަން ކެންޑިޑޭޓް މައިތިރި ޕާލާ ސިރިސޭނާ އެވެ. އަދި އޭނާ ވަނީ ރާޖަޕަކްސާގެ ބަލިފައިގައި ހަފައި އަޑުއުފުލައިފަ އެވެ. އަދި ވިދާޅުވަނީ ސަރުކާރު ހިންގުމުގައި ހުރި ހުދުމުހުތާރުކަން ނައްތާލާނެ ކަމަށެވެ.

"މިއީ މުއްސަނދިކަމާއި ފަގީރު ކަމާ މެދު ކުރާ ހަނގުރާމައެއް، އަދި ރައްޔިތުން ބާރުވެރި ކުރުމަށް ކުރާ ކުރާ ހަނގުރާމައެއް،" މިދިޔަ މަހު ރާޖަޕަކްސާގެ ސަރުކާރުގެ ހެލްތު މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ސިރިސޭނާ މިދަޔަ ހޯމަ ދުވަހު ވިދާޅުވި އެވެ.

މރ. ސިރިސޭނާ އާއި އޭނާގެ ކޮލީގު ރަޖިތާ ސެނެރަތުނާ ވަނީ ޕާޓީ ބަދަލު ކުރައްވައި އެ ބޭފުޅުންގެ ކުރީގެ ބޮސް އާ ދެކޮޅަށް ނުކުންނަވައިފަ އެވެ. އަދި އެ ބެފުޅުންނަށް ތާއީދު ކުރައްވަނީ އެންމެ ބޮޑު އިދިކޮޅު ޕާޓީ، ދަ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ރަނިލް ވިކްރަމަ ސިންހާ އާއި އަދި ކުރީގެ ރައީސާ ޗަންދުރިކާ ކުމާރަތުންގާ އާއި ހާމުދުރުން ނިސްބަތްވާ ނޭޝަނަލް ހެރިޓޭޖު ޕާޓީ އެވެ.

ދަ ޓެމިލް ނޭޝަނަލް އެލަޔަންސާއި ސްރީލަންކާ މުސްލިމް ކޮންގަރެސް އިން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާ ކަމަށް ބުނާ މައްސަލައެއް ޔޫއެން އިން ބަލަމުން އަންނަ އިރު، ރާޖަޕަކްސާގެ ސަރާރު އިންތިހާބަކަށްދާ އިރު އެންމެ ބޮޑު އެސެޓެއްގެ ގޮތުގައި ކުރިއަށް ނެރެނީ، ވެސް ހަނގުރާމައިގެ ކާމިޔާބީގެ ވާހަކަ އާއި ގައުމުގައި އިންވެސްޓްކޮށް އިންފްރާސްޓްރަކްޗާ ގާއިމު ކުރެވޭ ވާހަކަ އެވެ.

އިންތިހާބު މަހަކަށް ކައިރިވެފައިވާ އިރު ކޮލަމްބޯގެ މަގުތަކުގައި ވަނީ ރާޖަޕަކްސާގެ ބިލްބޯޑުތަކުން ދިއްލި އެވެ. އަދި ސިންގަޅަ ބަހުން ނެރޭ ނޫސްތަކާއި އިނގިރޭސި ބަހުން ނެރޭ ނޫސްތަކުގެ ބޭރުގަނޑުތަކުގައި ޖަހާ އިޝްތިހާރުތަކުން ހަނދާންކޮށްދީފައި ވަނީ ވެސް ރާޖަޕަކްސާ ހަނގުރާމަ ނިންމި ކަމުގެ ފޮނި ވާހަކަތަކެވެ. ތަމަޅަ ނޫހުގައި ބޮޑުކޮށް ޖަހާފައި ވަނީ ޖެފުނާ އާއި ކޮލަމްބޯ އާ ދޭތެރޭ ރޭލް ދަތުރުތައް ރާޖަޕަކްސާ އަލުން ފައްޓަވައި ދެއްވި ފޮޓޯގެ އިޝްތިހާރާއި އެ ސަރަހައްދަށް ތަރައްގީ ގެންނަވާނެ ކަމަށް ރައީސް ދައްކަވާފައިވާ ވާހަކަތަކުންނެވެ.

ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ސިންގަޅައިންގެ ތެރޭގައި ތިބި ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ތާއީދު ހޯދުމަށެވެ. އަދި ހަމަ އެއާ އެކު ކުދި ޕާޓީތަކާ ދިމާލަށް ލޯ ދިއްކުރަމުންނެވެ.

ލަންކާގެ މިފަހަރުގެ އިންތިހާބުގައި 15 މިލިއަން މީހުން ވޯޓު ލުމަށް ޝަރުތުހަމަވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.